ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށެވެ.
އުފަން ރަށް ހއ. ކެލާގައި ދިރިއުޅޭ ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާ އަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.
ފައްތާހު ނިޔާވި އިރު، އޭނާ އައީ އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އޭނާއަށް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓު ވެސް ލިބިފަ އެވެ.
ފައްތާހު ފޭސްބުކްގައި ކުރިން ކުރި ޕޯސްޓެއްގައި ބުނީ ކެލާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.
ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ފައްތާހަކީ ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް އުފެއްދި ފަންނާނެކެވެ.
އަސަރުގަދަ ލޯބީގެ "ތަފާތު" ފިލްމުތައް ހެދުމަށް މަޝްހޫރު ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ 2017 ގައި ގެނެސްދިން "ހައްދު" އެވެ. އެ ފިލްމަށް ފަހު އޭނާ ވަނީ ފިލްމީ ދާއިރާއިން ރިޓަޔާކޮށް ދާއިރާއަށް އެއްކޮށް ދުރަށް ގޮސްފަ އެވެ.
އެއަށް ފަހު، 2018 ހިސާބުގައި ކެލައަށް ދިރިއުޅުން ބަދަލުކޮށް، ކެލާގައި ރެސްޓޯރެންޓު ވިޔަފާރި އޭނާ ފެށި އެވެ.
ފައްތާހު ވަނީ ފިލްމާއި ޑްރާމާ އާއި ވީޑިއޯ ލަވަ އަދި އިޝްތިހާރު އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފަ އެވެ. އަދި ފިލްމާއި ޑްރާމާތަކަށް ވާހަކަ އާއި ސްކްރިޕްޓް ވެސް ލިޔުނެވެ. ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް އޭނާ އުފެއްދި އެވެ. ރާއްޖޭގެ ރަށްރަށުގެ ދިރިއުޅުން ގެނެސްދިން "ވައްޓަފާޅި"އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ އޭނާގެ މަސައްކަތެކެވެ.
ފައްތާހު ޑައިރެކްޓުކުރި ފުރަތަމަ ފިލްމަކީ 2000 ވަނަ އަހަރު ގެނެސްދިން، މަރިޔަމް ނިޝާ އާއި އަލީ ހާލިދު ލީޑް ރޯލު ކުޅުނު "ހިމޭން ދުނިޔެ" އެވެ.
އޭނާ ޑައިރެކްޓްކޮށްފައިވާ އެހެން ފިލްމުތަކުގެ ތެރޭގައި "ރަންމުތް"، "އާނ އަހަރެން ވެސް ލޯބިވިން"، "ވެހޭ ވާރޭ ތެރެއިން"، "14 ވިލޭރޭ"، "ޖިންނި"، "ހުރީމޭ އިންތިޒާރުގައި" އަދި "އޭނާ" ހިމެނެ އެވެ.
ފައްތާހުގެ އެންމެ ކާމިޔާބު ފިލްމަކީ 2003 ގައި ގެނެސްދިން ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޖަމްޝީދާ އަހްމަދު ލީޑް ރޯލު ކުޅުނު "ވެހޭ ވާރޭ ތެރޭން" އެވެ. ހަތަރުވަނަ ގައުމީ ފިލްމު އެވޯޑުގައި އެ ފިލްމަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރާއި ސްކްރީންޕްލޭ އާއި އާޓް ޑިރެކްޝަން އަދި މޭކަޕްގެ އެވޯޑް ލިބިފަ އެވެ. އެ ފިލްމުގައި އެ ހުރިހާ މަސައްކަތެއް ކުރީ އޭނާ އެވެ.
އޭނާގެ ޑްރާމާތަކުގެ ތެރޭގައި ހިމެނޭ "އައިޝާ"، "ރޭޝަމް"، "ދޯޕައްޓާ"، "ފަހު ފިޔަވަޅު"، "މާފުކުރާށޭ" އަދި "ތިއޭ މިހިތުގެ ވިންދަކީ" އަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނު ޑްރާމާތަކެކެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން ފައްތާހު ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2004 ވަނަ އަހަރު އޭނާއަށް ގައުމީ އިނާމު ވެސް ދީފަ އެވެ.