ސިވިލް ސާވިސްގެ ވަޒީފާއިން ރިޓާޔާ ކުރުމަށް ފަހު، އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ ނަމަ އެ މީހުންނަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ގެނައި އިސްލާހުގައިވާ ގޮތުގައި ވަޒީފާ އިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ ނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ މީހަކަށް މުސްކުޅި ކުރުމުގެ އިނާޔަތެއް ނުލިބޭނެ އެވެ.

ގަވައިދަށް ގެނައި އާ ބަދަލުގައިވާ ގޮތުން ކުރިން ލިބެމުން އައި މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ ފަހުން އަދާކުރާ ވަޒީފާ އިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ، އެ ހާލަތުގައި ހުންނަ މީހަކު ވަޒީފާ އިން މުސްކުޅި ކުރުމަށް ފަހު، އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިހާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށައިފައިވާކަން ޕެންޝަން އޮފީހަށް އަންގަންވާނެ ކަމަށެވެ.

އެގޮތަށް ނާންގާ ވަޒީފާ އަދާކުރާ މުއްދަތުގައި ރިޓަޔަމެންޓް ޕެންޝަން އެލަވަންސް ލިބިއްޖެ ނަމަ އެ ފައިސާ އެ މީހަކު އަނބުރާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

ރިޓަޔަކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާ އާއި އެމްއެންޑީއެފާއި ކަސްޓަމްސް އަދި އިމިގްރޭޝަނާއި ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެ އެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔާ ކުރުމަށް ފަހު އިންތިހާބީ މަގާމުތަކަށް އަންނަ މީހުންނަށް ވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.

ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު، ސަރުކާރުގެ އެހެން މަގާމަކަށް އައްޔަންކުރާ ނުވަތަ އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ފުލުހުންގެ ގަވާއިދު ވެސް މިދިޔަ ހަފުތާގައި ވަނީ އިސްލާހު ކޮށްފަ އެވެ.

ސަރުކާރުގެ ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު ޑަބަލް ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ޑަބަލް ޕެންޝަނަށް 70 މިލިއަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.