ކުށްކުރާ ގުރޫޕެއް، ގާނޫނުގައި ބުނާ ފަދަ ގޭންގެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ އޮގަސްޓްމަހު ތަސްދީގޮށް އަމަލުކުރަން ފެށި، "ގޭންގު ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގައިވާ ގޮތުން، ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާ އަކީ ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު، ފޮނުއްވަން ޖެހޭނީ އެ ގާނޫނުގައިވާ ގޮތުން ހައި ކޯޓަށެވެ. ކުށްކުރާ އެ ގްރޫޕަކީ، ގޭންގެއް ކަމަށް ކަނޑައަޅާނީ ހައި ކޯޓުންނެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމް ވިދާޅުވީ ގޭންގެއް ކަމަށް ކަނޑައަޅަން ޕީޖީ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން އެ އޮފީހުން ލަފާ ދިން ކަންތައްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
"ގޭންގެެއް ކަނޑައެޅުމަށްޓަކައި އެއް މައްސަލަ ވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލަފާދީފައި ހުރި ކަންކަން މިހާރު މި ގެންދަނީ ކުރަމުން،" އިސްހާގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް ގޭންގެއް ކަމަށް ޝަރުތު ހަމަވާ ފަރާތްތަކަކީ ކޮބައިތޯ ފުލުހުން އަންނަނީ ބަލަމުންނެވެ.
އިސްހާގް ވިދާޅުވީ ގޭންގް ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެ ފަދަ ކުށްތައް މަދުވެފައިވާ ކަމަށެވެ.
"މި ގާނޫނު އައުމުގެ ކުރިން އަޅުގަނޑުމެންނަށް ފެނޭ މަގުމަތީގައި، ވަރަށް ނުރައްކާތެރި، އިންތިޒާމްވެގެން ކުށްކުރާ ގްރޫޕްތައް ހަރަކާތެރިވާތަން،" އިސްހާގު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑު މި ޕްރެސް ކޮންފަރެންސްގައި ފާހަގަކޮށްފައި އޮންނާނެ، މި އަހަރުގެ އޮގަސްޓްމަހުން ފެށިގެން ހުށަހެޅޭ މައްސަލަތަކާ އަޅުގަނޑުމެންގެ އޮޕަރޭޝަންސް ޓީމްތަކަށް ފާހަގަވާ އަޅުގަނޑުމެންގެ އިންޓެލިޖެންސް ޓީމްތަކަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު މިކަންކަން ވަރަށް މަދޭ، މި އަހަރު ކުރީކޮޅާ އަޅާބަލާއިރު މިއަހަރު ފަހުކޮޅު އަދި އިންތިހާއަށް މިކަންކަން މަދުވެފައި ވަނީ."
ކުށްކުރުން ހުއްޓުވަން އެ ގާނޫނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.