ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބަލައި ނުގަންނަ ގައުމުތަކުން އެ ވިސްނުމުގައި ޓައިވާނަށް ވާގިވެރިވާތީ ރާއްޖޭން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޓައިވާނަކީ ޗައިނާގެ މުހިއްމު ބައެއް ކަމަށާއި ޗައިނާގެ ހުރިހާ ސަރަހައްދެއްގެ ސިޔާދަތީ ބާރު އޮތީ ޗައިނާ ސަރުކާރަށް ކަމަށް ގަބޫލުކުރާ "ވަން ޗައިނާ" ސިޔާސަތު ރާއްޖޭން ވަރުގަދަ އަށް ދަމަހައްޓާ ކަމަށެވެ.

ރާއްޖޭން ޗައިނާއާ އެކު 1972 ވަނަ އަަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން މިއަދާ ހަމައަށް ވެސް ދަމަހައްޓަމުން އަންނަނީ އެ ސިޔާސަތު ކަމަށާއި އެއީ ގައުމުތަކުގެ ސިޔާދަތަށް ރާއްޖޭން ކުރާ އިހުތިރާމް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"މި އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކޮށް، މިނިވަން ގައުމުތަކުގެ އެތެރޭގެ މައްސަލަތަކުގެ ތެރެއަށް ވަންނާތީ ދިވެހިރާއްޖެ އިން ކަންބޮޑުވުން ފާޅުކުރަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗައިނާއާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރަން ރާއްޖޭން ތައްޔާރަށް އޮތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ގަބޫލުކުރާ ސިޔާސަތާ ހިލާފަށް އަމަލުކުރީ ސީދާ ކޮން ގައުމަކުން ކަމެއް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނުބުނެ އެވެ. ނަމަވެސް އެ މިނިސްޓްރީން ބަޔާނެއް މި ނެރުނީ ޓައިވާނުގެ ސަރަހައްދީ ސަރުކާރަށް 11.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އިން އެއްބަސްވުމުން ޗައިނާ އިން ނުރުހުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.

އެ އެއްބަސްވުމަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ޗައިނާ އިން ވަނީ ޓައިވާނުގެ ކައިރީގައި ވަރުގަދަ އަސްކަރީ ޑްރިލްތަކެއް ވެސް ފަށައިފަ އެވެ.