ސްކޫލް ޗުއްޓީއާ ދިމާކޮށް، އުމްރާއަށް ދާ މީހުންގެ އަދަދު އިތުރުވާތީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އ330ޭ ގައި އުމްރާވެރިން އުފުލުމުގެ ގޮތުން ޖިއްދާއަށް ވިއްސަށް ވުރެ ގިނަ ދަތުރު އަދި އެހެން ސެކްޓާތަކަށް ވެސް އިތުރު ފްލައިޓުތައް ޝެޑިއުލް ކޮށްފައިވާ ކަމަށް މޯލްޑިވިއަން އެއާލައިނުން މިއަދު ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ސްކޫލު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުކުރާ ފަރާތްތައް އިތުރުވެ އެވެ. އެއާއެކު މޯލްޑިވިއަންއިން އެ ދުވަސްވަރު އިތުރު ޝެޑިއުލް ދަތުރުތައް ކުރަން ޖެހެ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އުމްރާ ދަތުރުތަކުގެ އިތުރުން ކޮޗިން އާއި ޓްރިވެންޑްރަމަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓަށް ޑިމާންޑް ބޮޑުވުމުގެ ސަބަބުން އެ ދެ މަންޒިލަށް ދަތުރުކުރާ ޖުމްލަ ފްލައިޓުތަކުގެ އަދަދު 10 އަކަށް އިތުރުކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން ބުނީ، އ320ޭގައި ތައިލެންޑުގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަލަންޕޫރު ހިމެނޭހެން ކޮންމެ މަންޒިލަކަށް ހަތަރު ފްލައިޓް އަޅާނެ ކަމަށެވެ. އަދި ކޮޗިން އާއި ޓްރިވެންޑްރަމަށް ހަފްތާއަކު 4 ފްލައިޓް ބާއްވަމުން އައި ނަމަވެސް މި މަހުގެ 19 އިން ފެށިގެން ހަފްތާއަކު ފަސް ފްލައިޓް ދަނީ ބާއްވަމުންނެވެ.
މޯލްޑިވިއަން އިން ބުނީ، ހަފްތާއަކު ޝެޑިއުލް ކޮށްފައިވާ ފަސް ފްލައިޓްގެ އިތުރުން ޓްރިވެންޑްރަމް އަދި ކޮޗިންއަށް 40 ވުރެ ގިނަ އިތުރު ފްލައިޓްތައް ރާވާފައިވާ ކަމަށެވެ.
ބޭރުގެ ދަތުރުތަކުގެ އިތުރުން ޑޮމެސްޓިކް ދަތުރުތަކުގެ ޑިމާންޑް މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އެގޮތުން މި މަހުން ފެށިގެން އަންނަ މަހުގެ 31 އަށް މޯލްޑިވިއަން އިން ދަތުރުކުރާ 17 މަންޒިލަކަށް 3،700 އަށް ގިނަ ފްލައިޓް ޝެޑިއުލް ކޮށްފައިވެ އެވެ.
އެ ފްލައިޓުތަކުން 197،000 މީހުންނަށް ދަތުރު ކުރަން ޖާގަ ލިބޭނެ އެވެ.