އަންނަ ރޯދަ މަހު އިތުރު 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގުރޫޕްގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދާފައިވާ ކަމަށެވެ. އަދި ހަތް ކުއްޖެއްގެ އިމްތިހާނު ކުރިއަށްދާއިރު އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާއިރު 42 ހާފިޒަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ މެޑަލް ހާސިލްކުރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ މިދިޔަ އަހަރާ ބަލާފައި އިތުރު އަދަދެއް... ރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު 280 އަށް ވުރެ ގިނަ ހާފިޒުން އެބަތިބި ކަމަށާއި ހާފިޒުންނަށް ވުމަށް އެކި ކްލާސްތަކުގައި 1500 އަށް ވުރެ ގިނަ މީހުން ގުރުއާން ހިތުދަސްކުރަމުން ވެސް އަންނަ ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ.

ހާފިޒުން ދަސްވެނިވުމުގެ ހަފްލާއެއް ރާއްޖޭގައި އަލަށް ބޭއްވީ މިދިޔަ އަހަރުގެ ރޯދަ މަހުގެ 27 ވިލޭ ރެ އެވެ. ރައީސް ވަނީ ދެން ކޮންމެ އަހަރަކު ވެސް ހާފިޒުންނަށް އިނާމާއި މެޑަލް ދޭނީ ރޯދަ މަހުގެ 27 ވިލޭ ރޭގައި ބާއްވާ ހާއްސަ ހަފްލާއެއްގައި ކަމަށް ނިންމަވައިފަ އެވެ.

ސަރުކާރުން މީގެ ކުރިން ހާފިޒުންނަށް ދެމުން އައި 2،000ރ. ގެ އެލަވަންސް ވަނީ މިދިޔަ އޮގަސްޓް މަހު 4،000ރ. އަށް ބޮޑުކޮށް ފައިސާ ޖަމާކުރަން ވެސް ފަށައިފަ އެވެ.