ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު 27,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިރޭ ބުނީ، މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަސް ކަމަށެވެ.

ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމަށެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.

އެމްއޭސީއެލް އިން ބުނީ ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމްލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެ އެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.

މީގެ އިތުރުން މިއަދު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވިފައިވެ އެވެ.

އާ ޓާމިނަލުގައި ގިނަ އަދަދެއްގެ ފަސިންޖަރުން ކައުންޓަރުތައް ކައިރީގައި ކިއުގައި މަޑުކޮށްގެން -- ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލުގައި ގިނަ އަދަދެއްގެ ފަސިންޖަރުން ކައުންޓަރުތައް ކައިރީގައި ކިއުގައި މަޑުކޮށްގެން -- ފޮޓޯ: އެމްއޭސީއެލް

އާ އަހަރާއި ފެސްޓީވް ދުވަސްވަރާ ދިމާކޮށް މިދުވަސްވަރަކީ ރާއްޖެއަށް އަބަދުވެސް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ދުވަސްވަރެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު ދުވަސްވަރު ކަމަށެވެ. ކިއުގައި ފަސިންޖަރުން ތިބެން ޖެހޭ ވަގުތު ކުޑަކޮށް ހިދުމަތް އަވަސް ކުރުމަށް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޕީކް ސީޒަންގައި އެންމެ ބާރު ބޮޑުވީ ޑިސެމްބަރު 30 ގަ އެވެ. އެ ދުވަހު ވަނީ 10،300 އެއްހާ މީހުންނަށް ހިދުމަތް ދީފަ އެވެ. އެހެންވެ މިއަދަކީ، ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ދުވަހެވެ.

މި މަހު އެވްރެޖުކޮށް 7،000 ޓޫރިސްޓުން ރާއްޖެއަށް އާދެ އެވެ. އަދި މިއަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،000 ޓޫރިސްޓުން އަންނަ އިރު މިއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ.