ރާއްޖޭގެ ހުރިހާ އެކަޑަމީތަކަށް ހުޅުވާލާ، އެފްއޭއެމް 14 އަހަރުންދަށުގެ މުބާރާތް އިއުލާންކޮށްފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކްލަބްތަކުގެ އެކަޑަމީތަކަށާއި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ އެކަޑަމީއަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ ޖެނުއަރީ 11 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރި އެވެ. ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު، އެފްއޭއެމްގެ އީމއެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް އެ އެސޯސިއޭޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމު:

file:///Users/mihaarunews/Downloads/262240.pdf

އެފްއޭއެމްގެ އެކަޑަމީ ދަފްތަރުގައި އެކްރެޑިޓްކޮށްފައި ނުވާ އެކަޑަމީތަކަށް ވެސް ފޯމު ހުށަހެޅޭނެ އެވެ. އަދި އެ އެކަޑަމީތަކުން ފޯމު ހުށަހެޅުމަށް ފަހު އެކްރެޑިޓޭޝަންގެ ކްރައިޓީރިއާތަށް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެފްއޭއެމުންނެވެ.

މޯލްޑިވްސް ސޮކަ މޭޓްސް އާއި ގުޅިގެން އެފްއޭއެމުން މިދިޔަ އަހަރު ވަނީ ދިވެހި ޔޫތު ލީގުގެ ނަމުގައި ތިން އުމުރުފުރާ ހިމެނޭ މުބާރާތެއް ލީގު އުސޫލުން ބާއްވާފަ އެވެ. ދިވެހި ޔޫތު ލީގުގައި 14 އަހަރުންދަށުގެ ލީގު ވެސް ކުޅުނެވެ.

ސީދާ އެފްއޭއެމުން ބާއްވާގޮތަށް އިއުލާންކުރި އެ މުބާރަތަކީ އެސޯސިއޭޝަނުން ބުނި ގޮތުގައި ހަރުދަނާ އޮނިގަނޑެއްގެ މައްޗަށް ރާއްޖޭގެ ޔޫތު ޑިވެލޮޕްމެންޓް ފުޓްބޯޅަ އާއި ގްރާސްރޫޓް ފުޓްބޯޅަ ކުރިއަށްގެންދިއުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.