ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ ސަރުކާރުން އެދޭ ވަރަށް ވުރެ މާ ލަސްކޮށް ކަމަށާއި އެ މަަސައްކަތް އަވަސްކުރަން ކޮންޓްރެކްޓަރާއި އިންޑިއާގެ ސަރުކާރާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މުއްތަލިބު ވިދާޅުވީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އިން އަޅަމުން އަންނަ ބްރިޖު މަސައްކަތުގެ ސްޕީޑަށް ބަލާއިރު ކުރިން ކަނޑައެޅި ތާރީހަށް ނުނިމޭނެ ކަމަށެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތް ނިންމަން އެންމެ ފަހުން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށެވެ.
"މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާ ކަމުގައިވާ ނަމަ ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެންނަށް ކުރިން ކަނޑައަޅާފައި ހުރި ތާރީހުތަކަށް މަސައްކަތް ނިންމުން ވަރަށް ދަތިކަަމަކަށް ވާނެ. އެހެންވެ އަޅުގަނޑުމެން ކޮންޓްރެކްޓަރާ އިންޑިއާ ސަރުކާރާ އެކު މަސައްކަތް އެބަކުރަން އަޅުގަނޑުމެންނަށް މަސައްކަތް އަވަސްކުރެވޭނީ ކިހިނެއްތޯ [ބަލަން]،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިތުރު ފައިސާ ނުލިބޭ ގޮތަށް މަަސައްކަތުގެ މުއްދަތަށް 30 މަސްދުވަސް އިތުރުކޮށްދޭން ކުރިން ނިންމާފައިވާ ނިންމުމުގެ ސަބަބުން ދަތިވާ ކަމަށް އެފްކޮންސް ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތަށް އޮތުމުން ކުންފުންޏަށް ކޭޝްފްލޯގެ ދަތިކަން އަންނަ ކަމަށް ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް ލަސްވިޔަސް، ކޮންޓްރެކްޓް ބާތިލުކޮށް، އެހެން ބަޔަކާ ހަވާލުކުރަން އުޅުމަކީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެގޮތަށް ކަންތައް ކުރަން އުޅެފި ނަމަ ކޮންޓްރެކްޓަރު އާބިޓްރޭޝަނަށް ދިއުމާއި ޕްރޮޖެކްޓް ހުއްޓުން ފަދަ ކަންތައްތައް ދިމާވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިގެންދަނީ މިދެންނެވި ގޮތަށް ކޮންޓްރެކްޓަރާ އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން މަސައްކަތް ހަލުވިކުރެވޭނެ ގޮތަށް،" މުއްތަލިބު ވިދާޅުވި އެވެ.
މި ސަރުކާރު އައި އިރު ބްރިޖްގެ މަސައްކަތުގެ 30 ޕަސެންޓް ވެސް އޮތީ ނުނިމި ކަމަށާއި އެހެން ނަމަވެސް މިހާރު އެ މަސައްކަތުގެ 67 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މޫދުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.