އިސްލާމިކް މިިނިސްޓްރީން އަންނަ އަހަރަށް ކަނޑައެޅި އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު މިއަދު އިފްތިތާހުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަންނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓ ކަލަންޑަރު އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ.

އެ އެކްޝަން ޕްލޭނުގައި މިނިސްޓްރީން އެކި ދާއިރާތަކުން އަންނަ އަހަރު ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތައް ތަފްސީލީ ގޮތެއްގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ މަސައްކަތްތައް ރާވާފައި ވަނީ އެ އެކްޝަން ޕްލޭނުގައިވާ ގޮތަށް ކަންކަން ހާސިލްކުރެވޭނެ މަގުން ކަމަށާއި އެއީ މިނިސްޓްރީގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، 2024 ވަނަ އަހަރާއި މި އަހަރަށް ވެސް އެކްޝަން ޕްލޭނަކާ އެކު މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، އެ ޕްލޭންތަކުގައި ހުރި ގިނަ ކަންކަން ވަނީ ހާސިލްކުރެވިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ "އިސްލާމީ ނޫރު ދިވެހިރާއްޖެއަށް" ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު ކުރިއަށް ގެންދަނީ ވަރަށް ވެސް މަތިވެރި އަޒުމަކާއި އިހުލާސްތެރިކަމާ އެކު، ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށް ކަމަށެވެ.

މިނިސްޓްރީން ބުނީ އެ އިދާރާއިން އަންނަ އަހަރަށް ކަނޑައެޅި މި އެކްޝަން ޕްލޭނަކީ އެތަނުގެ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކާ އެކުގައި އެކުލަވާލި ޕްލޭނެއް ކަމަށެވެ.