އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރަކަށް ގިނަ ދައުވާތަކެއް ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ 13 އަހަރުގެ އަންހެން ކުއްޖަކު ދިރިއުޅޭ ކޮޓަރިއަށް ވަދެ، އެ ތަނުގައި ގިނަ ވަގުތު ހޭދަކޮށް ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މ. ސަދަންބީޗު، ނަބީލު އަބްދުﷲގެ މައްޗަށް މި މަހުގެ 18 ގައި ފަސް ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

އެއީ؛

- އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުން

- އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުން

- ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން

- ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި، އެ ކުއްޖާ ހުންނަ ގެއަށް ނުވަތަ އެ ކުއްޖާ އެ ވަގުތަކު ހުރި ތަނަކަށް ވަނުން

- ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުން

އެނގިފައިވާ ގޮތުގައި ނަބީލް، 46، އަކީ އަމީނިއްޔާ ސްކޫލުގެ ޓީޗަރެކެވެ. ހުޅުމާލޭގައި ހުންނަ އެ ދަރިވަރުގެ ގެއަށް މިދިޔަ އޮކްޓޯބަރު 21 ގައި އޭނާ ދިޔައީ ޓިއުޝަން ދިނުމަށެވެ.

ނަމަވެސް، އެ ކޮޓަރީގައި އޮއްވާ އަންހެން ކުއްޖާގެ މަންމަ ދޮރު ހުޅުވުމުން، އޭނާ ފިލަން ވަނީ ފާހަނާއަށެވެ. އަދި ފާހަނާގެ ދޮރު ހުޅުވުމުން އޭނާ ދުވެ، ފިލީ އެވެ.

ފުލުހުންނަށް އެ މައްސަަލަ ރިޕޯޓްކުރީ އެ ކުއްޖާގެ އާއިލާއިންނެވެ. އެއާއެކު، ހަމަ އެ ރޭ މަގުމަތިން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.