މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 74 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ މިހާރު ވަނީ ގުޅުވާލައިފަ އެވެ.

މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު 10 ގަ އެވެ.

އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއޭސީއެލުން ބުނީ މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި އެއީ އެތަނުން ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 74.6 ޕަސެންޓް ކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމުގެ ގޮތުން ސަރުކާރުން މިދިޔަ މަހުގެ 26 ގައި ވަނީ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސް، ބިން ހިއްކުމުގައި ބޭނުންކުރަން ފަށައިފަ އެވެ. އަދި ކުރިން ބިން ހިއްކުމުގައި އުޅުނު ޑްރެޖަރާ އެކު އާ ޑްރެޖަރު ވެސް ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކޮށް، އެ މަސައްކަތުގެ ސްޕީޑު ވަނީ އަވަސްކޮށްފަ އެވެ.

ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ ޑްރެޖަރާ އެކު ބިން ހިއްކުމުގެ މަސައްކަތުގެ ސްޕީޑު އަވަސްކޮށް މިމަހުގެ ފަހުކޮޅަށް އެތަން އެއްކޮށް ހިއްކައި ނިމޭނެ އެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކައި ނިމުމުން، އެ ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށެވެ. އެތަން ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ ކަމަށް ލަފާ ކުރެއްވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވާތީ މި ފަހުން ވަނީ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 698 ގޯތީގެ ގުރު ނަގައިފަ އެވެ.

މި ސަރުކާރުން ވެސް ވަނީ އަލަށް ހިއްކަމުންދާ ހުޅުމާލޭގެ 3 އަކުން 1،351 ގޯތި ދޭން ނިންމައިފަ އެވެ.