ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫކްރޭނުން އެކުލަވާލާފައިވާ އާ ހުށަހެޅުންތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މިއަދު ބާއްވާ ބައްދަލުވުމުގައި އެމެރިކާގެ ރުހުން ހޯދުމުގެ މަސައްކަތް ޔޫކްރޭނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި ޔޫކްރޭނުގެ މަންދޫބުންގެ މެދުގައި ކުރި ދިގު މަޝްވަރާތަކަށް ފަހު، ހަނގުރާމަ ނިންމަށް 20 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ޔޫކްރޭނުން ވަނީ ހުށަހަޅައިފަ އެވެ.

ޓްރަމްޕާ ބައްދަލުކުރައްވަން އެމެރިކާ އަށް ވަޑައިގެންނެވި ދަތުރުގައި، ކެނެޑާގައި ޓްރާންސިޓް ކުރެއްވުމަށް ފަހު، ޒެލެންސްކީ ނޫސްވެރިންނަށް ވިދާޅުވީ، ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ޔޫކްރޭނުގެ ވެރިރަށް ކިއޭވަށް ރަޝިޔާ އިން އިއްޔެ ދިން ހަމަލާއާ އެކު، ރަޝިޔާގެ ރައީސް ވްލޮޑިމީރް ޕޫޓިން ސުލްހަ ބޭނުން ނުވާކަން ވަރަށް ސާފުކޮށް ހާމަވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޒެލެންސްކީ ހާމަކުރެއްވި ރަޝިޔާއާ އެކު، ސުލްހަ ގާއިމުކުރުމުގެ އޮނިގަނޑުގައި ހިމެނޭ ނުކުތާތަކުގެ ތެރޭގައި، ޔޫކްރޭނުގެ މިނިވަންކަން ޔަގީން ކުރުމާއި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެމެރިކާ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ނޭޓޯގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަމާއި ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ވަސީލަތްތައް އަލުން ބިނާކުރުމަށް 800 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް މާލީ އެހީ ފޯރުކޮށްދިނުމަށް ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން، އީޔޫގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމާއި އެމެރިކާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުން ވެސް ޔޫކްރޭނުން ހުށަހެޅި މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ ހުށަހެޅުންތަކަށް ރަޝިޔާ އިން އެއްބަސްވާނެ ކަމަށް ނުބެލެވޭއިރު، އެ އޮނިގަނޑާ މެދު ވަކި އެއްޗެއް ހާމަކުރައްވާނީ ޒެލެންސްކީއާ އެކު ބާއްވާ ބައްދަލުވުމަށް ފަހުގައި ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.