އިޒްރޭލުން މެދުނުކެނޑި ބޮން އަޅައި މުޅިން ވީރާނާކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާގައި ނިކަމެތި ހާލުގައި ތިބި ފަލަސްތީނު މީހުންނަށް، ބޯ ވާރެ އާއި ގަދަ ފިނީގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެއްޖެ އެވެ.

މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ ލައިތު އަލް އައްލާމީ ތުރުކީގެ އަނަޑޮލޫ ނޫސް އެޖެންސީއަށް ވިދާޅުވެފައިވާ ގޮތުގައި ފިނިމޫސުމުގެ ކޮޅިގަނޑެއްގެ ސަބަބުން އިއްޔެ ޣައްޒާ އަށް ބޯކޮޮށް ވާރޭ ވެހި ފެންބޮޑުވި އެވެ.

މިއީ މި އަހަރުގެ ފިނި މޫސުމުގައި ޣައްޒާ އަށް ކުރިމަތިވި މިފަދަ ތިން ވަނަ ކޮޅިގަނޑެވެ. އޭގެ ހަތަރުވަނަ ކޮޅިގަނޑެއްގެ އަސަރު އަންނަ ހޯމަދުވަހުން ފެށިގެން ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާ އަށް ގަދަ ފިންޏާ އެކު ބޯކޮށް ވާރޭ ވެހެމުންދާއިރު، ގިނަ އާއިލާތައް ދިރިއުޅެނީ އެ އިން އެއްވެސް ކަމަކުން ރައްކާތެރި ނުވެވޭ ފަދަ ފޭލިގެތަކުގަ އެވެ. އެެއީ 2023 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ކުރިއަށް ގެންދާ ޖެނޮސައިޑްގައި ގިނަ އިމާރާތްތައް ބިމާހަމަކޮށްލާފައި ވާތީ އެވެ.

ޣައްޒާއިން އަލް ޖަޒީރާއާ ވާހަކަ ދެއްކި މުހައްމަދު މަސްލާހު ބުނެފައިވާ ގޮތުގައި، ގަދަ ފިންޏާއި ބޯވާރެއިން ނިވާވާން އޭނާ އަށް ކުރެވެން އޮތް ހަމަ އެކަނި ކަމަކީ ފޭލިގޭގައި ހުރުމެވެ.

"އަހަރެންނަށް ޣައްޒާގެ ބަނދަރު ފިޔަވައި ދިރިއުޅެވޭނެ އެއްވެސް ތަނެއް ނުފެނު. އަހަރެންނަށް މިތާ އުޅެން މަޖުބޫރުވެފައި މިވަނީ އަހަރެންގެ ގެ ހުރީ އިޒްރޭލުގެ ބާރުގެ ދަށުގައި ކަމަށް ވާތީ. ދެތިން ގަޑިއިރަކު ވާރޭ ވެހޭ އިރަށް އަހަރެމެން މިތިބީ ތެމި ފޯވެފައި،" މަސްލާހު އަލްޖަޒީރާއަށް ބުންޏެވެ.

ޣައްޒާގެ ދައިރުލް ބަލާހު އިން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާ ވާހަކަ ދެއްކި ހަތަރު ކުދިންގެ މަންމައެެއް ކަމަށްވާ ޝައިމާ ވާދީ ބުނީ މިދިޔަ ދެ އަހަރު ވެސް އޭނާގެ އާއިލާ ދިރިއުޅުނީ ފޭލިގޭގައި ކަމަށާ ވާރޭ ވެހޭ ކޮންމެ ފަހަރަކު އެމީހުންގެ ބޮލަށް ފޭލިގެ ވެއްޓޭ ކަމަށެވެ.

"ވާރޭ ވެހޭ ކޮންމެ ފަހަރަކު އަހަރެމެންގެ ބޮލަށް ފޭލިގެ ވެއްޓޭ. އަަހަރެމެން މަސައްކަތް ކުރަނީ އާ ލަކުޑިކޮޅެއް ލެވޭތޯ،" އޭނާ ބުނެފައި ވެ އެވެ.

މި މަހުގެ ތެރޭގައި ގަދަ ފިންޏާއި ވާރޭގެ ސަބަބުން ޣައްްޒާ އިން 15 މީހެއްގެ ފުރާނަ ގެއްލުނު އިރު އޭގެ ތެރޭގައި ފިނި ގަދަވެގެން މަރުވި ތުއްތު ތިން ކުދިން ވެސް ހިމެނެ އެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން ބޯހިޔާކޮށްލެވޭ ވަރުގެ ރަނގަޅު ފޭލިގެތައް ޣައްޒާއަށް ނުވެއްދެނީ އިޒްރޭލުގެ ހިސާރުގެ ސަބަބުންނެވެ.

އިޒްރޭލުން އަމަލު ކުރަމުންދަނީ ހަމަލާތައް ހުއްޓައިލަން ވީ އެއްބަސްވުމާ މުޅިން ހިލާފަށެވެ.- އަލްޖަޒީރާ