ނެޓްފްލިކްސްގެ ކާމިޔާބު އިނގިރޭސި ސީރީޒް "ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަންގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
ނެޓްފްލިކްސް އިން އާންމުކުރި ދެ މިނެޓާއި 33 ސިކުންތުގެ ޓްރެއިލާގައި ވަނީ އާ ސީޒަންގައި ފެންނާނެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. އާ ސީޒަންގައި ލީޑް ރޯލުތައް ކުޅޭނީ ލޫކް ތޮމްޕްސަންގެ ބެނެޑިކްޓް ބްރިޖަޓަން ކެރެކްޓާ އާއި މި ސީރީޒަށް އަލަށް ތައާރަފުވާ ޔެރިން ހާގެ ސޯފީ ބެކްގެ ކެރެކްޓާ އެވެ.
"ބްރިޖަޓަން"ގެ ހަތަރުވަނަ ސީޒަން ގެނެސްދެނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ހަތަރު އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ އަންނަ މަހު 29 އިން ފެށިގެންނެވެ. އަދި ފަހު ހަތަރު އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ އަންނަ އަހަރު ފެބްރުއަރީ 26 އިން ފެށިގެންނެވެ.
ކްރިސް ވެން ވޫޒެންގެ މޭސްތިރިކަމުގެ ދަށުން ގެނެސްދޭ "ބްރިޖަޓަން"ގެ ޕްރޮޑިއުސަރަކީ އެމެރިކާގެ މަޝްހޫރު ޕްރޮޑިއުސަރު ޝޮންޑާ ރައިމްސް އެވެ.
މީގެ ވާހަކަ ބިނާކޮށްފައި ވަނީ ހަމަ އެ ނަމުގައި ލިޔުންތެރިޔާ ޖޫލިއާ ކްއިން ގެނެސްދިން ވާހަކައަށެވެ. މިއީ 18 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސިވިލާތުގެ މުއްސަނދި އާއިލާތަކުގެ މެދުގައި މީހުންނާ އިނުމުގެ ސަގާފަތް އޮތް ގޮތުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެކެވެ.
މި ސީރީޒްގެ ފުރަތަމަ ތިން ސީޒަނަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
އެންމެފަހުން ގެނެސްދިން ސީޒަންގައި ލީޑު ރޯލުތައް ކުޅުނީ ޕެނެލޯޕް ފެތަރިންޓަން (ނިކޮލާ ކަފްލަން) އާއި ކޮލިން ބްރިޖަޓަން (ލޫކް ނިއުޓަން) އެވެ.