ވެލެންސިއާ ދެކޮޅަށް ހަމްޒާ މުހައްމަދު ހަމްޕް ޖެހި ލަނޑުން މާޒިޔާ އަލުން މޮޅުވުމުގެ ޓްރެކަށް ވަދެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ވެލެންސިއާގެ މައްޗަށް މާޒިޔާއިން ކާމިޔާބު ކުރީ 3-0 ނެވެ.
މި މެޗުގެ ކުރިން މާޒިޔާއިން ކުޅުނު މެޗުގައި ޓީސީ އަތުން އެއްވަރުވީ ފަހު ވަގުތު އެވެ. އެއީ މި އަހަރުގެ ރަސްމީ ސީޒަނުގައި ޑޮމެސްޓިކް މެޗަކުން އެ ޓީމަށް މޮޅު ނުވެވުނު ހަމައެކަނި މެޗެވެ.
އަލުން މޮޅުވުމުގެ ޓްރެކަށް ވަން މެޗުގައި މާޒިޔާ އަށް ލިޑް ނަގައި ދިނީ ހަސަން ނަޒީމް (ޗޯޓް) އެވެ. މެޗުގެ 22 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ މުހައްމަދު އިލާން އިމްރާން ދިން ބޯޅައިންނެވެ.
ސާޖިއޯ މެންޑިގުޗިއާގެ ބަދަލުގައި މެޗުގެ 15 ވަނަ މިނެޓްގައި އިލާން ކުޅެން ނުކުތެވެ. އޭނާ އަށ ލިބުނު ފުރަތަމަ ފުރުސަތުގައި ވެލެންސިއާގެ ކުޅުންތެރިންގެ ކައިރިން ނައްޓާފައި ގޮސް އޭރިއާ ތެރެއަށް ވަނެވެ. ދެވަނަ ފަހަރަށް ވެލެންސިއާގެ އެހެން ކުޅުންތެރިޔަކު އިލާންގެ ގައިގައި ވިއްދުމުން އޭނާ ބޯޅަ މަޑުމަޑުން ކުރިއަށް ދިނުމުން އޭރިއާގެ ތެރޭގައި ހުރެފައި ނަޒީމު އެއްފަހަރުން އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލި އެވެ.
މާޒިޔާގެ ދެވަނަ ލަނޑު ހަމްޕް ވެސް ޖެހީ އިލާން ދިން ބޯޅައިންނެވެ. ވެލެންސިއާގެ އޭރިއާގެ ބޭރުން، އަރިމަތިން ނާއިޒު ހަސަން (ދާދު) އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ހަމްޕް ފޮނުވާލުމުން، ވެލެންސިއާގެ ކުޅުންތެރިންގެ ގައިގައި ޖެހިފައި ރީބައުންސްވި އެވެ. އެ ބޯޅަ އިލާން ހޯދައި ގޯލް ކުރިމައްވަށް ދިނުމުން ހަމްޕް އެ ބޯޅަ ގޯލަށް ފޮނުވާލި އެވެ.
ހަމްޕްގެ ދެވަނަ ޖެހީ 80 ވަނަ މިނެޓްގަ އެވެ. އަހްމަދު އައިހަމް ނަގައިދިން ބޯޅަ ވެލެންސިއާގެ ޑިފެންޑަރުގެ ގައިގައި ޖެހުމުން ރީބައުންސްވި ބޯޅަ ހަމްޕް ފޮނުވާލީ ގޯލްގެ ކަނަށެވެ.
މެޗުން ހޯދި ތިން ޕޮއިންޓާ އެކު މާޒިޔާއިން ވަނީ 12 މެޗުން 34 ޕޮއިންޓް ހޯދައިފަ އެވެ.