އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ބޭނުމުގައި، މާޒީގައި އެ ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ދެއްވައިފި އެވެ.

ނަޝީދާއި އިބޫ އެކުގައި މި ފެނުނީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ. ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ނަޝީދާއި އިބޫ ވާދަކުރެއްވުމަށް ފަހު، ބޮޑެތި ތުހުމަތުތަކަކާ އެކު ނަޝީދު ޕާޓީއާ ފެއަށް ޖެހިވަޑައިގެން ސަޕޯޓަރުންނާ އެކު ޑިމޮކްރެޓްސް އުފައްދަވައި ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވީ ވަކިންނެވެ. ޕާޓީގައި އުފެދުނު ބައިބައިވުންތަކަށް ފަހު އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ވަނީ ގެއްލިފަ އެވެ.

ދެ ބޭފުޅުންގެ މެދުގައި އުފެދުނު މައްސަލަތަކަށް ފަހު، ފުރަތަމަ ފަހަރަށް އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބައްދަލުކުރެއްވުމަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި އިބޫ ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ހަރުދަނާކޮށް، ލީޑާޝިޕާ އެކުގައި ޕާޓީ ވަރުގަދަކޮށް، އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައް ވެސް ދެބޭފުޅުން އެކުގައި ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް ވަރަށް ބޮޑު ގައުމީ ޝަހުސެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެރިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނީ އެ ޕާޓީން ކަމަށެވެ.

"އެމްޑީޕީއާ އެކުގައި ފެށި އެހެން ޕާޓީތައް ރޫޅިއްޖެ. އެކަމަކު އެމްޑީޕީ ހިފަހައްޓައިފި. މި ހިފެހެއްޓުން ހިފަހައްޓަނީ، އެންމެ މުހިންމު ސަބަބަކީ މި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް އޮންނަ ގޮތް،" 2023 ވަނަ އަހަރު އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީ "ރޫޅާލާނަން" ކަމަށް ވިދާޅުވި ނަޝީދު މިއަދު ވިދާޅުވި އެވެ.

"[އެމްޑީޕީގައި] ގައުމީ މަޖިލިސް އެބައޮވޭ، މަގާމުތަކުގައި ބޭފުޅުން އެބަ ތިއްބަވާ، ގައުމީ ހިންގާ ކޮމެޓީ އެބަ ހިންގަވާ. އެހެންވީމަ، މުއައްސަސާއެއްގެ ގޮތުގައި މި ޕާޓީ އަބަދުވެސް ހިނގަމުން ދަނީ. އަޅުގަނޑުމެން ދެމީހުންނަކީ މިކަމުގައި ވަރަށް ބޮޑު ހިއްސާދާރުން. އަޅުނޑުމެން ދެކޭ ގޮތުގައި، މިކަމުގައި އަޅުގަނޑުމެން އުޅުން އެއީ އަންނަ އޮތް ޖީލުތަކަށް ކުރުން މަޖުބޫރުވެފައި އޮތް ކަމެއް."

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަޝީދު ވިދާޅުވީ އިބޫއަކީ އެއްއިރަކު ވެސް އެމަނިކުފާނާއި ދުރު ބޭފުޅެއް ނޫން ކަމަށެވެ. އެ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އަބަދުވެސް ހިނގާ ކަމަށާއި އެކަމަކު އެއީ އަބަދަކު ދުރުގައި ތިއްބަވަން ޖެހޭ ސަބަބެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން އަބަދު ދުރުގައި ތިބުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

އަޅުގަނޑުމެންގެ މި ގުޅުމަކީ އިއްޔެއަކު، އޭގެ ކުރީ ދުވަހަކު އޮތް ގުޅުމެއް ނޫން. އަބަދުވެސް ހުރޭ ހިޔާލު ތަފާތުވުން، އަދި ސިޔާސީ ކަންތައްތަކުގައި. އެކަމަކު، އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެކީގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ: އިބޫ

އިބޫ ވިދާޅުވީ އެމަނިކުފާނާއި ނަޝީދުގެ ގުޅުމަކީ "ރޫޅޭ ވަރަށް" ވުރެ މާ ދުވަސްވީ ގުޅުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގުޅުމަކީ އިއްޔެއަކު، އޭގެ ކުރީ ދުވަހަކު އޮތް ގުޅުމެއް ނޫން. އަބަދުވެސް ހުރޭ ހިޔާލު ތަފާތުވުން، އަދި ސިޔާސީ ކަންތައްތަކުގައި. އެކަމަކު، އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެކީގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެމްޑީޕީއަކީ 20 އަހަރުގެ ދިގު ތާރީހެއް އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީގެ އެގޮތުގައި ދެމިއޮތީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ދަމަހައްޓާތީ ކަމަށެވެ. އަދި އެ ޕާޓީއަކީ އެހެން މީހުންނަށް ފުރުސަތު ފަހިކޮށްދޭ ޕާޓީއެއް ކަމަށާއި އެމްޑީޕީ ނޫން ރާއްޖޭގެ އެހެން ޕާޓީތައް ވަކި ހިސާބަކުން އުވިގެން ދަނީ އެ ފުރުސަތު ނުލިބޭތީ ކަމަށް އިބޫ ވިދާޅުވީ އެވެ.

އެމްޑީޕީން އިސްތިއުފާ ދެއްވައި ޖޫން 21، 2023 ގައި އެ ޕާޓީއަށް ނަޝީދު އޭރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ގޮތުން ބަލައި އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ،" ކަމަށެވެ.

އޭގެ ފަހުން ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްބޭފުޅުންތަކެއް މި އަހަރުގެ ކުރީކޮޅު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ދެ އަހަރެއްހާ ދުވަހު ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު މިދިޔަ ޖޫން މަހު ނަޝީދު ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ވާހަކަ މިވަގުތަށް ނުދައްކާނެ

ނަޝީދާއި އިބޫ ވެސް ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، ނަޝީދުގެ ވިސްނުންފުޅަކީ އެ މަނިކުފާނާއި އިބޫ ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ނުނިކުމެވަޑައިގެން އެހެން ބޭފުޅަކު އެމްޑީޕީން ދެއްކުމެވެ.

އެކަމަކާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ވަނީ އެ ދެ ބޭފުޅުންނާ މިއަދު ސުވާލުކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރެއްވުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިބޫ އާއި ނަޝީދު ވެސް ވިދާޅުވީ އެމްޑީޕީގެ އިތުރުން ގައުމުގެ މުސްތަގުބަލާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި ދެބޭފުޅުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ. އެ މަޝްވަރާތަކަށް ފަހު ނިންމެވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކާ ގުޅޭ ވާހަކަތައް މިވަގުތަށް ނުދެއްކެވުމަށް ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައްކާނަން ހުރިހާ ވާހަކައެއް. މިއަދުގެ ބައްދަލުވުމުގައި ވެސް ވާހަކަ ދެއްކިން ޕާޓީގެ މުސްތަގުބަލާއި ގައުމުގެ މުސްތަގުބަލާ ބެހޭ ގޮތުން. އެކަމަކު، އަޅުގަނޑުމެން ނިންމީ ރިޔާސީ އިންތިހާބުގެ ކެނޑިޑެސީ ވާހަކަ އަދި ދައްކަން މާ އަވަހޭ. އެހެންވީމަ، އެ ވާހަކަ އިހަށް ބާއްވައިފައި، އަޅުގަނޑުމެން ކުރިއަށް ދާނިއްޔޭ،" އިބޫ ވިދާޅުވި އެވެ.

"އެކަމަކު، އެ ވަގުތު ޖެހުނީމަ އަޅުގަނޑުމެން އެއަށް އެޓެންޑުވާނަން. ޕާޓީއަށް އެންމެ ރަނގަޅު ގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. ކައިރިނުވާ ހިސާބަކަށް އަޅުގަނޑުމެން ނުދަން އެއް އިރަކު ވެސް."

ނަޝީދު ސިފަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކާ ގުޅޭ ވާހަކަތައް މިވަގުތު އޮތީ "އިންކިއުބޭޓަރު"ގަ އެވެ.

"މިހާރު އެ މަޝްވަރާތައް އޮތީ އިންކުބޭޓަރުގައޭ، އަޅުގަނޑުމެން އެ ވާހަކަ ނަގަންވީމަ، އެ ވާހަކަ ނަގައިގެން ކުރިއަށް ދާނީ އިނގޭތޯ. އަޅުގަނޑަށް ބޮޑަށް ރަނގަޅީ އެކަމުގައި، އެއީ އެކަން އޮތްގޮތް ކަމަށް މިވަގުތު ބަލައިގަތުން،" ނަޝީދު ވިދާޅުވި އެވެ.