ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ބައްދަލުކުރައްވައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގެ ހަރަކާތްތައް ގިނަ ވާން ފަށާފައިވާ މި ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އެމްޑީޕީގެ އޮފީހުގަ އެވެ.
އިބޫ އާއި ނަޝީދު މި ބައްދަލުކުރެއްވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ.
ކުރިން އެންމެ ގާތް ދެ ރައްޓެހިންގެ ގޮތުގައި ތިއްބެވި ނަޝީދާއި އިބޫއާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި ނަޝީދު އެމްޑީޕީ ދޫކުރައްވައި އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވީ އެވެ.
އެމްޑީޕީން އިސްތިއުފާ ދެއްވައި ޖޫން 21، 2023 ގައި އެ ޕާޓީ އަށް ނަޝީދު އޭރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ގޮތުން ބަލައި އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ،" ކަމަށެވެ.
އޭގެ ފަހުން ނަޝީދު އިސްވެހުންނަވާ ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްބޭފުޅުންތަކެއް މި އަހަރުގެ ކުރީކޮޅު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ދެ އަހަރެއްހާ ދުވަހު ޕާޓީއާ ދުރުގައި ހުންނެވުމަށް ފަހު މިދިޔަ ޖޫން މަހު ނަޝީދު ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.
ނަޝީދާއި އިބޫ ވެސް ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، ނަޝީދުގެ ވިސްނުންފުޅަކީ އެ މަނިކުފާނާއި އިބޫ ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން އެހެން ބޭފުޅަކު އެމްޑީޕީން ދެއްކުމެވެ.
އިބޫއަށް އެންމެ ފަހުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދާ އެކު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ
މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.
ނަޝީދާއި އިބޫ މިއަދު ބައްދަލުކުރެއްވި އިރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ނަޝީދު ވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ.