ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފައިވާތީ، އެފަދަ ތަކެތި މިސްކިތްތަކުން ނަގަން ނިންމައިފި އެވެ.

ސުތުރާ އަކީ ނަމާދުކުރާ މީހާގެ ކުރިމަތީގައި ޖަހާ ނުވަތަ ބަހައްޓާ އަސައެއް ނުވަތަ އެ ނޫން ވެސް އެއްޗެކެވެ. ނުވަތަ ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ދިއުން ހުއްޓުވުމަށްޓަކައި އޭނާގެ ކުރިމަތީގައި ބަހައްޓާ އެއްޗެކެވެ. އެ ބޭނުމުގައި ސުތުރާގެ ގޮތުގައި ހަދާފައިވާ ތަކެތި މިހާރު މިސްކިތްތަކުގައި ވަރަށް ގިނައިން ބަހައްޓާފައި ހުރެ އެވެ.

އެފަދަ ސުތުރާތައް މިސްކިތްތަކުގައި ބަހައްޓާފައި ހުންނާތީ، އެކަމުގެ ހުކުމް ބަޔާން ކޮށްދޭން ފަތުވާ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފަތުވާއެއް ނެރެފަ އެވެ. އެ ފަތުވާގައިވާ ގޮތުން ސުތުރާ ބޭނުންކުރުމާއި ސުތުރާގެ ގޮތުގައި ވަކިން ހާއްސަ އެއްޗެއް ހަދައިގެން ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވީ މިފަހަކަށް އައިސް، ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށެވެ. އެގޮތަށް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދިވަޑައިގަންނަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިއީ ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ގަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއް ނޫން. ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާ ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

"މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅުވާނެ. އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެ ނޫން ވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން. މިގޮތުން އަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް މިކަން ބަދަލުވެގެންދާނެ ކަމަށް ފެނޭ."

ސުތުރާއާ ގުޅޭ ފަތުވާގައި ބުނެފައިވަނީ މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައަކަށް ވުމުން މި މައްސަލައަކީ ވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އިލްމުވެރިންގެ ތެރެއިން އެއްބަޔަކު ދެކެވަޑައިގަންނަވަނީ މިއީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އިލްމުވެރިންގެ ތެރެއިން އަނެއްބަޔަކު މިކަން މަނާކުރައްވަ އެވެ.

ރަސޫލާގެ ޒަމާނުގައި ސުތުރާގެ ގޮތުގައި ހާއްސަ އެއްޗެއް ބޭނުންކުރައްވާފައި ނުވާއިރު، އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާއަށް ބޭނުންކޮށްފައިވަނީ ވެސް އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމަށް ފަތުވާގައި ބުންޏެވެ. ސުތުރާއަށް ހަދާފައިވާ ހާއްސަ އެއްޗެއް ނޫނެވެ.