(އާދިއްތަ ދުވަހާ ގުޅޭ)

އެކަމަކު މުހުސިނާއަށް މަރުހަބާކިއީ ބަދުނަސީބެވެ. ވަގުތުން ޓެކުސީއަކަށް ލައިގެން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އޭރު ވަގުތު ފާއިތުވެއްޖެއެވެ. ފޮތިގަނޑުން މޫނު ނިވާކޮށްލުން ފިޔަވައި ކުރެވުނު އިތުރު ކަމެއް ނެތެވެ. ޑަކުޓަރުން ލަފާކުރީ ހާޓްއެޓޭކެއް ޖެހުނީ ކަމުގަ އެވެ. އެއީ ކޮންމެ މީހަކު، ކޮންމެ ތާކު ހުއްޓައި ވެސް ވެދާނެ ކަމެކެވެ. ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އެކަމަކު ނިޒާރަކަށް އެ ޚަބަރު އަރަކުން ނުދިރުނެވެ. އެއީ ގުދުރަތީ މަރެއް ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ސުވާލު އުފެދޭ މަރުތައް އާއިލާގައި މާ ގިނަވީއެވެ. ފުރަތަމަ ސަމްރަތުގެ އާދަޔާ ހިލާފު މަރެވެ. ދެން ސަމްރަތުގެ ފިރިމީހާ އަނިލްގެ ކުއްލި މަރެވެ. ރާއިފު މަރުވީ ކިހިނެއް ކަމެއް ނުވަތަ މަރުވިކަން ކަށަވަރު ކޮށްދެވޭނެ މީހަކު ވެސް ނެތެވެ. މުހުސިނާގެ މަރު ވެސް ނިޒާރަށް ވަރަށް އަޖައިބެވެ. މީހަކު ހަމަ ހުރެފައި ކުއްލިއަކަށް މަރުވެގެން ވެއްޓުމަކީ އާންމުކަމެއް ނޫނެވެ.

މުހުސިނާ ސަހަރާއަށް ގެނެސް، ކަފުންކޮށް، މޫނުއަޅައި، ކަށުނަމާދުކޮށް، ސަންދޯއް ވަޅަށް ތިރިކުރި އިރު ވެސް ނިޒާރެއް ނުރޮއެވެ. އޭނަގެ މޫނުމަތިން ފެންނަން ހުރީ ނަފުރަތުގެ ކުލަވަރެވެ. ސަންދޯއް މައްޗަށް އުކަން ހިފައިގެން ހުރި ވެލިމުށް އުކަން ވެސް މީހަކު ޖެހުނީ ހަނދާން ކޮށްދޭށެވެ. ނިޒާރުގެ އެތައް ރައްޓެހިންނަކާ ސަހަރާއިން ދިމާވިއެވެ. އެކަކާ ވެސް ނިޒާރު ވާހަކައެއް ނުދައްކައެވެ. ކެތްތެރިކަން ކޮޅުންލައިފައިވާ ނިޒާރުގެ ހިތް އެދި ގޮވަނީ، ޖިންނީންގެ ކިބައިން ބަދަލުހިފުމަށެވެ. ނިޒާރު ލޯބިވާ މާ ގިނަ މީހުން ޖިންނީން ޝިކާރަ ކޮށްފިއެވެ. ދެނެއް ނިޒާރު މަޑަކުން ނުހުންނާނެ އެވެ.

މުހުސިނާގެ ޖަނާޒާގައި ބައިވެރިވާން އައި އެންމެން ސަހަރާއިން ނުކުތް އިރު ވެސް ނިޒާރެއް ނުނިކުމެ އެވެ. މަހާނަ ކައިރީގައި ކޮޅަށް ހުރީއެވެ. ސަހަރާގެ ވަށައިގެންވާ މަގުތަކުގެ ތެރެއިން މަގެއް ތޮއްޖެހިފައިވުމުން ބަރުގޮނުގެ އަޑު ވަރަށް ގަދައެވެ. ކައިރީގައި ހުރި ގެއެއް ހެދުމުގެ މަސައްކަތުގައި، އެއްޗެއްގައި ވަރަށް ބާރަށް ތަޅާ އަޑާއި އެއްޗެއް ކީހާ އަޑާއި ދެ މީހަކު ހަޅޭއްލަވާ އަޑު ވެސް އިވެއެވެ. ނިޒާރުއާ ދާދި ކައިރީގައި ހުރި ގަހެއްގައި އިން ކާޅެއް، ވަރުބަލިކަމެއް ނެތި ގޮވިއެވެ. އެއިން އެއްވެސް އަޑެއް ނިޒާރަކަށް ނީވެއެވެ. އިވެނީ އެންމެ އަޑެކެވެ. ނިޒާރުގެ ހިތުވިންދުގެ އަޑެވެ.

"އަހަރެން ބަދަލު ހިފާނަން،" ނިޒާރު މަޑުމަޑުން ބުންޏެވެ. "ރުގުޔާއިން ކަމެއް ނުވިއްޔާ ސިހުރު ވެސް ހަދާނަން. އިތުރު މީހަކު މަރާލުމުގެ ކުރިން ޖިންނިތައް އަންދާ އަޅިއަށް ހަދާލާނަން. ހާދަ ކަމެކޭ އަހަރެން އެކަނިމާއެކަނި ކުރަން މި ޖެހުނީ. އަހަރެން ހަމަނޭވާލާނީ މި ކަން ކޮޅެއްގަ ޖައްސާފަ."

ބަރުގާން ވެސް ހަނގުރާމައިގެ މައިދާނަށް ނިކުތީ އެ އަޒުމުގައެވެ. އެއްކޮޅުން ބަތޫރުގެ ހަރުކަށި އަދި ބިޔަ ހަނގުރާމަވެރީންނެވެ. އަނެއްކޮޅުން ބަރުގާންގެ ހުނަރުވެރި ޝާހީ ލަޝްކަރެވެ. އެއީ ދެ ގަބީލާއެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއް ނޫނެވެ. ވަފާތެރިކަމާއި ދަހިވެތިކަމުގެ ދެމެދުގައި ކުރެވުނު ހަނގުރާމައެކެވެ. މިނިވަންކަމާއި އަޅުވެތިކަމާ ދެމެދު ކުރެވުނު އިމުތިހާނެކެވެ. އަސްތަކުގައި ދަތުރު ކުރިޔަސް ކަނޑިތަކާއި ދުނިދަނޑިތަކާއި ލޮންސި ހިފައިގެން ތިއްބަސް ޖިންނީންނާއި އިންސާނުންގެ ހަނގުރާމައިގައި އުޑާއިބިމާ ދެމެދު ވާހައި ފަރަގު ވެއެވެ.

ބަރުގާންއަށް ލިބިފައިވާ ބާރަކީ ވަޔާއި އައްޔެވެ. ފަހުލަވާނުން ރުކުރުވައިލި އިރު ބަރުގާން އެންމެ ކުރިޔަށް ބެއިތިއްބީ ވައިހެވިންނެވެ. އެއީ ދުވެލި ބާރު، ޖައްވަށް ގަދަ، އަމާޒަށް ކުޅަދާނަ ފައުޖެކެވެ. އޭގެ ފަހަތުގައި ދުނިވެރިންނެވެ. އެއީ އަޖައިބެއް ކަހަލަ ބައެކެވެ. ދުނިދަނޑި އޮތަސް ތީރެއް ނޯވެއެވެ. ދުނިޖަހަން ބޭނުންވުމުން، ދުނިދަނޑީގައި ތީރެއް ލާ ހެން އަތް ހަރަކާތް ކުރިޔަސް، ލޮލަށް ނުފެންނަ އެ ތީރަކީ ވައިގެ ވަރުގަދަ ހަމަލައެކެވެ. ވައި ތީރު ގޮސް އަމާޒުގައި ޖެހުމާ އެކު އަމާޒު ތޮރުފައިލައި، އެ އެއްޗެއް އެތެރެއަށް މަޅައިލައެވެ. ކޮންމެ މައުދަނަކުން ހެދިފައިވާ ދަހަނާއެއް ކަމުގައި ވިޔަސް ވެހެވެ. ދެން ތިބީ ތިންވަނަ އަދި އެންމެ ކުޅަދާނަ، ރިޔާސީ ފައުޖެވެ. ފިޔަގަނޑު ކުއްޖަސް އެ ފިޔަތައް ހެދިފައި ހުރީ، ތަރި އުފެދިފައި ހުންނަ ޒާތުގެ، ނޫހުދު އަލިގަނޑަކުންނެވެ. ދުޝްމަނުން ހަމަލަދިނުމާ އެކު ވަގުތުން ދުމަށް ބަދަލުވެ، ހަމަލައިން ސަލާމަތްވުމާ އެކު ކުރީގެ ސޫރައަށް ބަދަލުވެ، ރައްދު ދިނުމުގެ ގާބިލުކަން ހުރެއެވެ. ވަށައިގެން ހޯރައަޅާ ފައުޖެއް ވެސް، ދުރުދުރުން އެނބުރިއެނބުރި އޮތެވެ. އެއީ ވިލާވެރިންނެވެ. ހަނގުރާމައިގެ މައިދާނުގެ މޫސުން ބޭނުން ގޮތަކަށް ބަދަލުކޮށްލުމުގެ ކުޅަދާނަކަން ލިބިފައިވާ ފައުޖެކެވެ. ކުއްލިއަކަށް ދުންފުސް އުފައްދައި، ދުޝްމަނުން "ކަނުކޮށްލުމަށް" ފަހު، ވައިގެ ރާޅެއް އެ ތަނަށް ބިންދައިލައި، އުދުހޭ ދުޝްމަނުންގެ ފިޔަ ބިންދާލައި، ބިމާ ހަމަކޮށްލައެވެ.

ބަތޫރުގެ ހަތިޔާރަކީ އަލިފާނާއި ވެއްޔެވެ. އެއީ ގަދަފަދަކަމާއި ހޫނާއި ބިރުގެ އެހީގައި ހަނގުރާމަ ކާމިޔާބުކުރާ ބައެކެވެ. އެންމެ ކުރިޔަށް ތިބެނީ ގިނިހިލަވެރިންނެވެ. ލަސްލަހުން ހިނގާ، ގިނިހިލައިގެ ހަށިތަކެއް ލިބިފައިވާ ބިޔަ، ހޫނުގަދަ ބައެކެވެ. ހަނގުރާމައިގައި އާންމުކޮށް ބޭނުންކުރާ ހަތިޔާރުތައް ގިނިހިލަވެރިންގެ ގައިގައި ޖެހުމުން، ހަތިޔާރު ކުނޑިކުނޑިވެ ވަޔަށް ބުރައިގެންދެއެވެ. އެ ފައުޖު ބަލިކުރެވޭ ހަމަ އެކަނި ހަތިޔާރަކީ ފެނާއި ވައެވެ. އަނިޔާވެއްޖެ ނަމަ ލޭގެ ބަދަލުގައި ގައިން ފައިބަނީ، އަލިފާން ފަރުބަދައިން ފައިބާ ކަހަލަ ދިޔާ އަލިފާނެވެ. ޖެހޭ ކޮންމެ އެއްޗެއް ފަނާކޮށްލައެވެ. ދެވަނައަށް ތިބެނީ ދުންފައުޖީންނެވެ. ބޭނުން ކޮންމެ ވަގުތެއްގައި ވިހަ ދުމަކަށް ސިފަ ބަދަލުކޮށްލައެވެ. ދުޝްމަނުންގެ ނޭވާހޮޅިތަކުން ފުއްޕާމެއަށް ވާސިލުވެ، ނޭވާ ހާސްކޮށްލައެވެ. ނުވަތަ ދުޝްމަނުންގެ ފުރަގަހަށް ވަދެ، އަލުން ޖިސްމާނީ ސިފައަކަށް ބަދަލު، އަލިފާނުގެ ކަމަންދެއް ކަރަށް މަހައި، ދުޝްމަނު ބަލިކޮށް ވައްޓައިލައެވެ. ފައުޖުގެ އެންމެ ފަހަށް ތިބެނީ އަލިފާންދާއްބައެވެ. އެއީ ބިންމަތީގައި ވެލާތަކެއްހެން ހިރޭ، ރެދަން އޮލަގަނޑެއް އަނގައިން ބޭރުކުރާ ދާއްބައެކެވެ. އެ ތަތް އޮލަގަނޑު ބިމުގައި ދަތުރުކުރަނީ ސާބިތުކަމާ އެކު މަޑުމަޑުންނެވެ. ޖެހޭ ކޮންމެ އެއްޗެއް އަންދައި އަޅިއަށް ހަދައިލައެވެ. އެ އަލިފާންގަނޑު ފެނަކުން ނުނިވޭނެއެވެ. ހަމަ އެކަނި ނިއްވޭނީ ވެލި ނުވަތަ ރޫހާނީ ބާރަކުންނެވެ.

ހަނގުރާމަ އެންމެ ގަދަޔަށް ހިނގަމުންދިޔައީ ރިޔާސީ ގަނޑުވަރު ކުރިމަތީގައި އޮތް ބޮޑު ބަގީޗާ ތެރޭގައެވެ. އުދަރެސް އޮތީ ރަތްފުސްވެފައެވެ. އެއީ ހަނގުރާމަ އާއި ނުރައްކަލުގެ ކުލައެވެ. އަނގުރުގަނޑެއް ހެން އަނދަމުންދިޔަ ވިލާތަކާއި ކަޅު ދުންތައް ރޮނގުރޮނގަށް ތިރިޔަށް ފައިބައެވެ. ބިންގަނޑުގައި ޖަހަމުން ދިޔައީ ހިތާމައިގެ ވިންދެވެ. ހަމަހިމޭން، އުފާވެރި ހަސްބަރާޒާއަކީ ލޯތްބާއި އިހުތިރާމަށް އިރުއަރާ ރަށެކެވެ. ސުލްހަ އާއި އެހީތެރިކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ތަނެކެވެ. ނަފުރަތާއި ހަނގުރާމައަށް ދައުވަތުދޭ ތަނެއް ނޫނެވެ. އަނިޔާވެރިކަމަށް އެ ބިން އަބަދު ވެސް ކަރުނަ އޮހޮރައެވެ.

ގަނޑުވަރުގެ ކުޅިބަލާގެއަށް ނުކުމެ، ހަނގުރާމައިގެ މައިދާނަށް އަންނަ ބަދަލުތަކަށް އަތީލާ ބަލަހައްޓައިގެން ހުއްޓެވެ. ބަރުގާންއަށް އެހީވާނެ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. ނަސްރު ލިބޭނީ ހައްގަށްކަން އަތީލާއަށް ޔަގީނެވެ. ނޭނގެނީ އެ ނަސްރަށް ޓަކައި އަދާކުރަން ޖެހިދާނެ އަގެވެ. ބަރުގާން ފިސާރި ސާބިތުކަމާ އެކުގައި ހަނގުރާމަ ކުރަމުން ކުރިޔަށް ދިޔައެވެ. ދުޝްމިނުންގެ ފައުޖުތައް ކެވިއަރަމުން، ވިހާލިވަމުން ދިޔައެވެ. ބަރުގާންގެ ފިޔަގަނޑުގެ ފަތްތައް ހުރީ ތޫނު ތިލަތަކަކަށް ބަދަލުވެ، އެތައް ގުނައަކަށް ފުޅާވެފައެވެ. ފިޔަގަނޑުން ދަޅައަރާ ތަން އަތީލާއަށް ފެނެއެވެ. ބަރުގާންއަކީ، އެ ފިރިއަކަށް ޓަކައި އަތީލާ ފަހުރުވެރިކަމާ އެކު އަދަބު އަދާކޮށް، ޝުކުރުވެރިވާ ޒައުޖެކެވެ.

"ހަސްބަރާޒާގެ ހުނަރުވެރި ރަސްގެފާނަށް ތައުރީފު ހައްގު،" ހިތާހިތުން އަތީލާ ބުނެލިއެވެ. "ތިއީ މި ބިން ތާއަބަދަށް ކުރުނީސްކުރާނެ ދަރިއެއް. އަބަދަށް ދެމިހުންނާނެ ނަމެއް."

"ދިރިހުރެއްޖެއްޔާ!" އަތީލާގެ ހިތުގެ އަޑުއަހާފައި ބަތޫރު ބުނެލިއެވެ. "އަހަރެން ބަލިކުރެވިއްޖެއްޔާ!"

ފަރުބަދައެއް ވަރުގެ ބިޔަ އިފުރީތު ދުރުގައި ބަލަން ހުރި އިރު، އޭނަގެ ސައިޒު ބަރުގާންއަށް ވުރެ އެތައް ގުނައެއް ބޮޑެވެ. އެ ހަށިގަނޑުގެ ހަންގަނޑު ހުރީ، އަލިފާން ފަރުބަދައިން ފައިބާ ލާވާ ފިނިވަމުން އަންނަ އިރު، މަތިމަތިން ލާފައި ހުންނަ ކަހަލަ ހިލަ ތޮށްޓަކުންނެވެ. އޭގައި އަޅާފައިވާ ރެނދުތަކުގެ ތެރެއިން އަނގުރު އަލިފާން ފެންނަން ހުއްޓެވެ.

"މިއަދު މި ކުޅިގަނޑު ނިންމާލާނަން." ބަތޫރު އެހެން ބުނީ ހޮނުގުގުރިއެއް ފަދަ އަޑަކުންނެވެ.

ޖައްވަށް ފެތުރިފައިވަނީ ނޫމަދަރަކަ އާއި ރަތްސައްބު އަނދާ ވަސް ކަހަލަ ވަހެކެވެ. ބަރުގާންގެ ފައުޖުތައް ވިލާތައް ފޫދުއްވަމުން އައިސް ބަތޫރުގެ ފައުޖުތަކަށް ހަމަލަދިން އިރު ހީވަނީ ބޮޑުތިކި ވާރޭ އޮއްސައިލި ހެންނެވެ. އެހެނަސް އެއަށް ވުރެ މުހިންމު ވަގުތެއް ޖެހިއްޖެއެވެ. ބަރުގާން އާއި ބަތޫރުގެ ފަހު ކުރިމަތިލުމުގެ ވަގުތެވެ. ހަނގުރާމައިގައި ނިމުމުގެ ސިއްކަ ޖެހުމަށް ޓަކައި، އެ ނޫން ގޮތެއް ނެތެވެ.

"ތަހުތު ހައްގު ވާނީ މި ކަހަލަ އިފުރީތަކަށް،" ދެ ފަރުބަދަ ކޭއްތުމުން އިވޭ ކަހަލަ އަޑަކުން ބަތޫރު ބުނެލިއެވެ. "ތި ކަހަލަ މަދިރިއަކަށް ނޫން. އަހަރެންގެ އަތުން ޗަސްވާން ބޭނުންނޫނިއްޔާ، އަދި ވެސް ވަގުތު އެބަ އޮތް. އަމާންދީ!"

ބަރުގާން ގޮސް ބަތޫރުގެ ބޯމަތިން ހޯރައަޅައިލިއެވެ. ފިޔަގަނޑުގެ ރިވެލިން ބަތޫރުގެ ލޯ ތަރަތަރަލިއެވެ. ބަތޫރުގެ ހަށިގަނޑުން ބޭރުވަމުންދިޔަ ވިހަ ދުންތައް، ބަރުގާންގެ ފިޔަގަނޑުގެ ބާރު ވައިން އެއްފަރާތަށް ކަހައިލިއެވެ.

"ތަހުތުގަ އަބަދު ވެސް އިންނާނީ އިންސާފުވެރި ރަސްކަލެއް. އަނިޔާވެރި ޖާހިލެއް ނޫން،" ރަށުގެ އެންމެ ގަދީމީ ބަހުން ބަރުގާން ޖަވާބުދިނެވެ. "ހަނގުރާމައިގަ އަބަދު ވެސް ކާމިޔާބުހޯދޭނީ ބުއްދީގެ ބާރުން. ގޮށްމުށުގެ ބާރަކުންނެއް ނޫން."

ބަތޫރު ފުންމައިގެން އަރައި ބިންމަތީގައި ޖެހިގަތުމާ އެކު އަނގުރުއަލިފާނުގެ ހިލަފުންޏެއް ޖައްވަށް އަރައިގެން ދިޔައެވެ. ހުސިޔާރު ބަރުގާން ލޮންސިއެއްހެން އޭގެ ތެރެއިން ދެމިގަނެ، ބޭރަށް ނުކުތެވެ. އެ ދިޔަ ގޮތަށް ވިލާތަކަށް ވުރެ މައްޗަށް އަރައި، ގައިގެ ވަށައިގެން ފިޔަގަނޑު ރަންދު ކޮށްލުމަށް ފަހު، އައިކޮޅަށް މިސްރާބު ބަދަލުކޮށް، ވިލާގަނޑުގެ ތެރެއިން ބަތޫރާ ދިމާއަށް ވަޒަނެއް ހެން މިސްރާބު ޖެހިއެވެ. ބަރުގާންގެ ގައިގެ ވަށައިގެން ހުޅުފަޅައި، ހުޅުގަނޑުގެ ކުލަ އޮރެންޖު ކުލައިން ވިލުނޫކުލައަކަށް ބަދަލުވިއެވެ. ހީވީ ގިނިހިލައެއް އަންނަ ހެންނެވެ. އެންމެ ފަހު ވަގުތު ބަރުގާންގެ ފިޔަގަނޑު ކުއްލިއަކަށް ހުޅުވައިލުމާ އެކު ގަދަފަދަ އަޑެއް އިވިފައި، އަލިފާން ވައިގެ ބޮޑު ބޯޅައެއް އުފެދިގެން އައިސް ބިމުގައިޖެހި، މުޅި ބިންގަނޑު ގުޑުވައިލިއެވެ. ޖައްވަށް އަރައިގެންދިޔަ ވެއްޔާއި ހިރަފުހާއި ދުމުގެ ތެރެއިން ބަތޫރަށް ސަލާމަތްނުވެވިގެން އުޅެނިކޮށް ބަރުގާން އައިސް މިނިކާދޫންޏެއްހެން ބަތޫރުގެ ބޮލަށް ޖެހިގަތެވެ. (ނުނިމޭ)