ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރަން ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ބަމްޕަރުތައް އާއްމުންގެ ޝަކުވާތަކާ ހެދި ނެގުމުގެ ކުރިން އެކްސިޑެންޓުތައް މަދުވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެކްސިޑެންޓްތަކާއި ކާރޫބާރުބޮޑު ހުޅުމާލޭގެ މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ބަމްޕަރުތަކުގެ ސަބަބުން ދުއްވަން އުނދަގޫ ކަމަށާއި އޭގެ މައްޗަށް އެރުމުން އުނަގަނޑުގައި ރިއްސާކަމަށް ބުނެ ޝަކުވާ ކުރި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް އެއް ބަޔަކު އެދުނީ ހުޅުމާލޭގެ ބަމްޕަރުތައް ނަގައިދިނުމަށެވެ. އެހެންވެ، އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ އެ ބަމްޕަރުތައް ނަގައިފަ އެވެ.
މާލެ އޭރިއާގެ ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފަސީހު ވިދާޅުވީ އެ ފަދަ ބަމްޕަރު ތަކަކީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބޭނުންކުރާ އެއްޗެއް ކަމަށެވެ. އަދި ރާއްޖޭގައި ވެސް އެއީ އަލަށް ބޭނުންކުރަން ފެށި ބަމްޕަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އެ އެޅިފައި ހުރި ގޮތުން އާންމުކޮށް މީހުން ބޭނުންކުރާ ބަމްޕަރުތައް ހުންނަ ގޮތަކަށް ނޫން އެ ހުރީ. ބޮޑު މަގެއްގައި ބޭނުންކުރާ ގޮތަށް ހުރުމުން ކަންނޭނގެ އާންމުން އެ ޝަކުވާ ކުރީ. ނަމަވެސް ބަމްޕަރު ގޯހީކީ ނޫން. ދުއްވާ މީހުންގެ އަމަލުތައް ހުންނަ ގޮތުން، ސްޕީޑް މަޑުކުރަން ޖެހޭ ވަރަށް މަޑު ކުރުމާއި އެފަދަ ކަންކަން،" އޭނާ ވިދާޅުވި އެވެ.
ފަސީހު ވިދާޅުވީ ބަމްޕަރުތަކުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް ނަގަން ޖެހުނީ ރައްޔިތުންގެ ޝަކުވާއާ ހެދި ކަމަށެވެ.
މަގުމަތީގެ އެކްސިޑެންޓުތައް ގިނަވުމުން އެޗްޑީސީން ވަނީ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ. އޭގެ ތެރެއިން، ޓްރެފިކް އެންމެ ބޮޑު ހިސާބުތަކުގައި ރައުންޑްއެބައުޓު ބެހެއްޓުމާއި ބައެއް މަގުތައް އެއް ފަޅިން ދުއްވޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.