އައްޑޫ ގަމުގައި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އާ އިމާރާތެއް އަޅަން ވެމްކޯއާ އިއްޔެ ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މެޓް އޮފީހުގެ އާ އިމާރާތެއް އެޅުމަށް ވެމްކޯއާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.
އާ އިމާރާތެއް އަޅަނީ މިހާރު ގަމުގައި ހިންގާ އެ އޮފީހުގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް، ޒަމާނީ ކުރުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ރާއްޖޭގެ އަވަސް އިންޒާރުގެ ނިޒާމު "އާލީ ވޯނިން ސިސްޓަމް" އިތުރަށް ހަރުދަނާކޮށް، ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށެވެ. އަދި މޫސުމީ މައުލޫމާތު ދިނުމުގެ ހިދުމަތްތައް ހަރުދަނާކޮށް، އާންމުންނަށް ދޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ކުރާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަސައްކަތުގެ ސަބަބުން ގަން އެއާޕޯޓާއި އައްޑޫ އަދި ދެކުނުގެ އަތޮޅުތަކުގެ މޫސުމާ ބެހޭ މައުލޫމާތު އިތުރަށް ފުރިހަމަކޮށްދީ، އަވަސްކަމާ އެކު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރު ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ސަރުކާރުން މި އަހަރު ވަނީ ފަށައިފަ އެވެ.
މެޓް އޮފީހުން ކުރިން ބުނި ގޮތުގައި، ރާއްޖޭގައި މިހާރު ހުރި ހަތަރު މެޓް އޮފީސް ނުވަތަ އޮބްޒަވޭޓަރީތަކުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު މެޓް އޮފީހެއް ނ. މާފަރުގައި ހެދުމުގެ މަސައްކަތް އެ ޕްރޮޖެކްޓުގެ ދަށުން ކުރާނެ އެވެ.
ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ އާއި ހދ. ހަނިމާދު އާއި ލ. ކައްދު އާއި ގދ. ކާޑެއްދު އަދި އައްޑޫ ގަމުގަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބެލުމަށް ހަނިމާދު އާއި ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ހުރެ އެވެ.