މިސައިލް އުފެއްދުމުގެ ޕްރޮގްރާމް ހިންގަނީ ދުޝްމަނުގެ ކިބައިން ގައުމު ސަލާމަތްކޮށް ދިފާއުވުމުގެ ބޭނުމުގައި ކަމަށައި އެ މަޝްރޫއާ ބެހޭ ގޮތުން އެހެން ބަޔަކާ އެކު ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް އީރާނުން ބުނެފި އެވެ.

އިޒްރޭލުން ވަނީ މިދިޔަ ޖޫން މަހު އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ވެސް އިނދަޖައްސާލަން މަސައްކަތްކޮށްފަ އެވެ.

"އީރާންގެ މިސައިލް ޕްރޮގްރާމްގެ ބޭނުމަކީ އީރާންގެ ސަރަހައްދު ދިފާއުކުރުން. އެއީ ބަޔަކާ ކުރަން އޮތް މަޝްވަރާއެއް ނޫން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމާއިލީ ބަޣައިއީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

"އެހެންވީމާ، އީރާނަށް ހަމަލާއެއް ދޭން ހިތަށް އަރުވާ ބަޔަކަށް ވެސް ބިރެއް ކަމުގައިވާ މިސައިލް ޕްރޮގްރާމާ ވާހަކައެއް ނުދެއްކޭނެ."

އީރާންގެ ބެލިސްޓިކް މިސައިލްތަކުގެ ގާބިލްކަމާ އެކު އިޒްރޭލަކީ އީރާންގެ ހަމަލާތައް ފޯރާ ހިސާބުގައި އޮތް ތަނަކަށް ވަނީ ވެފަ އެވެ. ޖޫން މަހު އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާއާ އެކު އީރާންގެ މިސައިލްތަކުން ރައްދު ދީ، ގާބިލްކަން ވަނީ ދައްކާފަ އެވެ.

އެމެރިކާގެ ބްރޯޑްކާސްޓަރު އެންބީސީން ބުނާ ގޮތުގައި ހަނގުރާމައަށް ފަހު، އީރާނުން މިސައިލް އުފައްދާ މިންވަރު އަލުން އިތުރުކޮށް ވަރުގަދަކުރަމުން ދާތީ އިޒްރޭލު ކަންބޮޑުވެ އަލުން ހަމަލާ ދިނުމާ މެދު ގެންދަނީ ވިސްނަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތާންޔާހޫ މި މަހު އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ދަތުރުގައި މި ކަންބޮޑުވުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހިއްސާކޮށް، އިޒްރޭލުން ދޭ ހަމަލާއެއްގައި ބައިވެރިވުމަށް އެމެރިކާއަށް ހުށަހަޅާނެ ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ އެންބީސީން ބުނެފައިވެ އެވެ.

ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އަސްކަރީ މަރުކަޒުތަކަށާއި، ނިއުކްލިއާ މަރުކަޒުތަކަށާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދީ 1،000 އަށް ވުރެ ގިނަ މީހުން މަރާލި އެވެ. އިޒްރޭލަށް އީރާންގެ 50 އަށް ވުރެ ގިނަ މިސައިލް އަމާޒުވި ކަމަށާއި އެ ހަމަލާތަކުގައި 28 މީހަކު މަރުވި ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.

މި ހަމަލާތަކުގައި އެމެރިކާއިން އިޒްރޭލާ ބައިވެރިވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އެންމެ ބާރުގަދަ ބޮމުން ވަނީ ހަމަލާ ދީފަ އެވެ. -- އޭއެފްޕީ