ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުން މިހާތަނަށް ފަސް ލައްކަ އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެ އެއާޕޯޓު ހިންގާ އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ، މި އަހަރުގެ ޖުލައި 26 ގައި ހުޅުވައި އެ ދުވަހުން ފެށިގެން ބޭނުންކުރަމުން އަންނަ އާ ޓާމިނަލުން ރާއްޖެއިން ފުރި 252،000 ފަސިންޖަރުންނަށާއި ރާއްޖެ އައި 255،000 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، އާ ޓާމިނަލުން އެންމެ ގިނަ ފަސިންޖަރުންނަަށް ހިދުމަތް ދީފައި ވަނީ އިއްޔެ އެވެ. އިއްޔެ ވަނީ 19،000 ވުރެ ގިނަ ފަސިންޖަރުން ހިދުމަތް ދީފަ އެވެ. އޭގެ ތެރޭގައި ފުރި 8،600 ފަސިންޖަރުންނާއި ރާއްޖެ އައި 10،800 ފަސިންޖަރުން ހިމެނެ އެވެ.
އާ ޓާމިނަލުން މިހާރު 37 އެއާލައިނަކަށް ހިދުމަތްދޭ އިރު އޭގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ދަތުރު ކުރާ ހުރިހާ އެއާލައިނެއް ވެސް ހިމެނެ އެވެ. އެންމެ ފަހުން އާ ޓާމިނަލުން ހިދުމަތް ދޭން ފެށީ އެންމެ ބޮޑު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އާއި ގަތަރު އެއާވޭސް އެވެ.