ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ސިވިލް ސާވަންޓުން ހެދުން އެޅުމުގައި 2010 ގައި އެކުލަވައިލި މިންގަނޑަށް އަލުން އަމަލު ކުރަން ފެށުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި ދަންނަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވަންޓުން އޮފީހަށް ނުކުންނައިރު ހެދުން އަޅަންޖެހޭ މިންގަނޑުތައް ހިމަނައި 2010 ގައި އެކުލަވައިލި އުސޫލަށް އަމަލު ކުރުން އޮތީ ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި މިހާރު އަމަލު ކުރަނީ 2014 ގައި އެކުލަވައިލި މިންގަނޑަށެވެ.

ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް ރޭ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް އިޖުތިމާއީ ގޮތުން ބަަލައިގަންނަ މިންގަނޑަށް ވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ސިވިލް ސާވިސްގެ ގަވާއިދުގައި ހެދުން އެޅުމާ ގުޅޭ ގޮތުން ކުރިން އޮތީ ވަރަށް ރަނގަޅު މިންގަނޑެއް ކަމަށެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ އެ މިންގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެހެންވެ، ކުރީގެ މިންގަނޑަށް އަލުން އަމަލުކުރަން ފެށުމަށް ސީއެސްސީގައި ދަންނަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އަންގައިފިން މިހާރު ސިވިލް ސާވިސް ކޮމިޝަނަށް އަޅުގަނޑަށް ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން ދަންނަވައިފިން ކުރީގައި އޮތް ގޮތަށް އިޔާދަކޮށްފައި ގަވާއިދު ބަދަލުކޮށްފައި ގެޒެޓުކޮށްގެން އަމަލުކުރައްވަން،" ރައީސް ވިދާޅުވި އެވެ.

މުވައްޒަފުން ހެދުން އެޅުމުގައި ކުރީގައި އޮތްގޮތަށް ބަދަލުކޮށް، ގެޒެޓް ކުރުމަށް އަންގަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަރަށް އަވަހަށް ސީއެސްސީން އެ ބަދަލުތައް އާންމުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ: ފަހި ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
މިރޭގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ: ފަހި ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

ސީއެސްސީން 2014 ގައި އަމަލުކުރަން ފަށާފައިވާ، މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތުގައިވާ ގޮތުން މުވައްޒަފުން ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައި އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެން ވާނީ ހިދުމަތް ހޯދަންދާ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފަހައްޓައި، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމެއްގަ އެވެ.

އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބަލަހައްޓައި އަދި ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގައި ތިބުމާއި ލައިގެން ހުންނަ ހެދުމަކީ، އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން، އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެގެން ނުވާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އޮފީހުގެ ރަސްމީ ގަޑީގައި ހުއްދަ ނޫން ހެދުމާއި ތަކެތީގެ ތެރޭގައި ވަނީ އަހުލާގީ ގޮތުން އެކަށީގެން ނުވާ ހުތުރު ބަހާއި އިބާރާތާއި ކުރެހުން އަދި ކާޓޫނާއި ފޮޓޯ ޖަހާފައި ހުންނަ ހެދުމާއި ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުމާއި އެއްވެސް ބާވަތެއްގެ އަދި އެއްވެސް ކުލައެއްގެ ޖިންސު ލުމާއި ފާޅުވާ ގޮތަށް ގިނަ ޖީބު ލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅުގެ އިތުރުން ފެންފައިވާނާއި ޓެނިސް އަދި ޖޮގިން ޝޫޒް އަދި ހާފްޝޫޒް އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިވިލް ސާވަންޓުން އޮފީސް ގަޑީގައި ހެދުން އެޅުމަށް 2014 ގައި އެކުލަވައިލި މިންގަނޑު އެގޮތަށް އޮންނައިރު 2010 ގައި ސީއެސްސީ އިން ނެރެފައިވާ ހެދުން އެޅުމުގެ މިންގަނޑުގައިވާ ގޮތުން ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާ އެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަންދާ ފަރާތްތަކާ މުއާމަލާތްކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތަކަށެވެ.

އެ ގަވާއިދުގައި ވަކި ހެދުމެއްގައި ކުރަންޖެހޭ މަސައްކަތާއި ހާއްސަ މަސައްކަތުގައި އުޅޭއިރު ހެދުން ބަހައްޓަންވީ ގޮތާއި ޔުނީފޯމު އަޅާ މުވައްޒަފުންގެ ހެދުން ހުންނަން ޖެހޭ ގޮތާއި އަންހެން މުވައްޒަފުންގެ ހެދުމާއި ފަޓުލޫނާއި ހަރުވާޅާއި ސޫޓާއި ސޫޓާ އެކު ލާ ފަޓުލޫނާއި ހެދުމުގެ ކަރާއި އަތް ހުންނަންވާނެ ގޮތާއި އަދި ދިގުމިނާއި މަތީބަޔާއި ގަމީސް އަދި ޖެކެޓް ހުންނަން ޖެހޭ ގޮތް ވެސް ބަޔާންކޮށްފަ އެވެ. އަދި މުވައްޒަފުން އަރާ ބޫޓާއި ސަޕޯޓް ސާވިސް ގިންތީގައި ހިމެނޭ މުވައްޒަފުންނާއި ގަހަނާ، މޭކަޕް އަދި ބޮލުގައި ކުލަ ޖެއްސުން ފަދަ ކަންކަން އޮންނަ ގޮތް ވެސް ކުރީގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ކުރީގެ ގަވާއިދުގައި ވަނީ ފިރިހެނުންގެ ހެދުން އެޅުމުގެ ކަންކަން ވެސް ވަކިވަކިން ބަޔާންކޮށްފަ އެވެ. އަދި އެ މިންގަނޑާ އެއްގޮތަށް ހެދުން ބެހެއްޓުމަކީ މުވައްޒަފުންގެ އަހުލާގާއި ސުލޫކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެއާ ހިލާފުވެއްޖެ ނަމަ އިސްލާހީ ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.