ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިދިޔަ އަހަރު 229 މިލިއަން ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ.
ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ހަތަރު ކުއާޓާގައި ވެސް އެ ކުންފުނި ހިންގީ ގެއްލުމުގަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހަތަރު ވަނަ ކުއާޓާގަ އެވެ. އެ ކުއާޓާގައި 70 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.
އާރްޑީސީގެ ގެއްލުން މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 22 ޕަސެންޓު އިތުރުވެފަ އެވެ. އާރްޑީސީ އަށް 2023 ވަނަ އަހަރު 188 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.
އާރްޑީސީ އަށް 2022 ވަނަ އަހަރު 34 މިލިއަން ރުފިޔާގެ ފައިދާވެފައިވެ އެވެ. މި އަހަރުގެ ޕީސީބީން އާންމުކޮށްފައިވަނީ ކުންފުނިތަކުގެ ފުރަތަމަ ކުއާޓާގެ މާލީ ހިސާބުތައް އެކަންޏެވެ. އެ ކުއާޓާގައި ވެސް އެކުންފުންޏަށް 114 މިލިއަން ރުފިޔާގެ ގެއްލުން ލިބުމެވެ.
ގެއްލުން އިތުރުވި އިރު އެ ކުންފުނީގެ ހަރަދު ވެސް އެ ކުއާޓާގައި ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރު ކުންފުނީގެ ހަރަދުތަކަށް 443 މިލިއަން ރުފިޔާ އަށް އެރި އެވެ. އަދި އެކި ޕްރޮޖެކްޓްތަކުން ލިބުނީ 409 މިލިއަން ރުފިޔާ އެވެ. އަދި ކުންފުނިން ކުރު މުއްދަތުގައި އަދާކުރަން ޖެހޭ ދަރަނި އުޅެނީ 636 މިލިއަން ރުފިޔާގަ އެވެ.
އާރްޑީސީ ކުންފުންޏަށް މިދިޔަ ދެ އަހަރު ގެއްލުންވެފައިވާ އިރު އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއން އަންނަނީ ބަލަމުންނެވެ. މިދިޔަ އަހަރު އޭސީސީ އާންމުކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް އެކަނި 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި ތިން މުވައް އާރްޑީސީއާ ގުޅޭ ހިޔާނާތުގެ މައްސަލަތަކަކާ ގުޅިގެން އެ ކުންފުނި ހިންގުމުގައި އޭރު އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްސަލަތައް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.