އަފްޣާނިސްތާނުގެ މައްޗަށް ވެސް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ރޭންކިންގެ އެއްވަނަ ހޯދަން ރާއްޖޭން ވާންކޮށްފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން (ކާވާ) ގެ ވޮލީބޯޅަ މުބާރާތުގައި އަފްޣާންއާ ދެކޮޅަށް ރާއްޖޭން ކާމިޔާބު ހޯދީ 25-20، 25-13 އަދި 25-12 އިންނެވެ.
ރާއްޖެ އަށް ދެން އޮތީ ކިރިގިތާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ވެގެންދާނީ ރޭންކިންގެ އެއްވަނަ ކަނޑައެޅުމުގެ ގަދަހިފުމުގެ މެޗަށެވެ.
ކިރިގިސްތާނުން ވެސް ވަނީ އެ ޓީމުން ކުޅުނު ދެ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިފަ އެވެ.
އިއްޔެ ހަވީރު ބަންގްލަދޭޝާ ދެކޮޅަށް، ކިރިގިސްތާނުން މެޗު ކާމިޔާބު ކުރީ 25-15، 25-20 އަދި 25-11 އިންނެވެ.
މިއަދު ހަވީރު ވާދަކުރަނީ ބަންގްލަދޭޝާއި އަފްޣާނިސްތާނެވެ.
ކުރިން ހަމަޖެހިފައި އޮތީ ފަސް ޓީމުން މުބާރާތުގައި ބައިވެރިވާ ގޮތަށެވެ. އެކަމަކު ތުރުކްމެނިސްތާނު ޓީމަށް ގައުމުން ބޭރަށް ފުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ނުދިނުމުން މުބާރާތުގައި ބައިވެރިވެވޭ ގޮތެއް ނުވި އެވެ.
ހަތަރު ޓީމު މުބާރާތުގައި ބައިވެރިވުމުން، ފޯމެޓަށް ބަދަލު ގެނެއެވެ. ހަތަރު ޓީމުގެ މެދުގައި ރައުންޑް ރޮބިން ބުރެއް ކުޅުމަށް ފަހު ދެން ކުޅޭނީ ސެމީގެ ދެ މެޗެވެ.
ރައުންޑް ރޮބިން ބުރުގެ އެއްވަނަ ހޯދާ ޓީމުން ސެމީގައި ވާދަކުރާނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ. ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ.
މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.