މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 19،527.90ރ. އަށް އިތުރުވެއްޖެ އެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އެންމެ ފަހުން ބަދަލު އައީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭރު ކަނޑައަޅާފައި ވަނީ 11,191.95ރ. އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހު ކަމަށް ވާތީ މިއަދުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގްރާމަކަށް 32.82 ލާރީގެ ރޭޓުން 595 ގްރާމަށްވާ 19،527.90ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިހާރު ބާޒާރުގައި ރިހި ގްރާމެއް ހުރީ 32.82ރ. ގަ އެވެ. އަދި ރަން ގްރާމެއް ހުރީ 2149.39ރ. އަށެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ނެގުން، ދީނީ ގޮތުން ވާޖިބު ވަނީ ނިސާބު ހަމަވާ ވަރަށް ހިޖުރީ އެއް އަހަރުގެ މުއްދަތަށް ފައިސާ ހުރުމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.