ފޮތް ޗާޕުކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ދިމާވާ ދަތިތައް ކުޑަކޮށްދިނުމަށް ފޮތް ޗާޕުކުރުމަށް ސަރުކާރުން ލުއިގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމަށް ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހީން ދިވެހިންނަށް ވަނީ ދިވެހިބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއް ޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާ އެކު، ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކުޑަކުދީންނަށާއި ޒުވާނުންނަށް އަދި އެ ނޫން ވެސް ފަރާތްތަކަށް ބޭނުންވާ ދިވެހިބަހުގެ ފޮތްތައް ލިޔަން ބޭނުންވާ އަދި މިހާރު ވެސް އެ މަސައްކަތްކުރާ ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ. ނަމަވެސް ފޮތް ޗާޕުކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތައް އެބަހުރި ކަމުގެ ކަންބޮޑުވުން އެ މީހުން ފާޅުކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިއީ ގައުމީ މައްސަލައެއް. މިއީ އަޅުގަނޑު އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ޅަދަރީންނަށާއި ޒުވާނުންނަށް އަޅުގަނޑުމެންގެ ދިވެހި މާދަރީ ބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
"ވީމާ ދިވެހިބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ކުރިޔަށް އޮތް ތާނގައި ހާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނަން."
ރައީސް ވިދާޅުވީ ދިވެހި ތަރިކައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައަށް ހާއްސަ މިނިސްޓްރީއެއް އުފެއްދީ އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
އަދަބިއްޔާތަކީ ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެ ދެ ފަންނު އުފެދެނީ ސަގާފަތާއި ތަރިކައިގެ ތެރެއިންނެވެ. އެހެންވީމާ، ގައުމެއް ކުރިއަރައި ދިޔުމުގައި އެ ބައެއްގެ ސަގާފަތް އިސްލާހުވާން ޖެހެ އެވެ. އެ ބައެއްގެ ތަރިކައަށް އިހުތިރާމުކުރަން ޖެހެ އެވެ. އަދި، އެއާ އެކު، އެ ބައެއްގެ ފިކުރާއި ހިޔާލުތައް ފުންވެ އުފެއްދުންތެރި، އަހުލާގު ރަނގަޅު ހަރުދަނާ ބަޔަކަށް ވާން ޖެހެ އެވެ. މުޖުތަމައު އަށް ބޭނުންވާ ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަން ލިބޭނީ އޭރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.