ކިންގްސް ކެޕިޓަލް ކުންފުނިން ހިންގި ސްކީމެއްގައި ބައިވެރިވެ، ފައިސާ އިންވެންސްޓްކުރި މީހަކަށް ބަދަލު ދޭން އެ ކުންފުންޏާއި އޭގެ ހިއްސާދާރުން ކަމަށްވާ އަލްހާން ފަހުމީ އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަލްހާނާއި ޝަހުބާންގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ 587،466ރ. 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އަލްހާނާއި ޝަހުބާން އަދި ކިންގްސް ކުންފުނީގެ މައްޗަށް އަމިއްލަ މީހަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ދެ ފަހަރެއްގެ މަތިން އިންވެސްޓްކުރި 120،000ރ. އާއި އެ ފައިސާ އިންވެސްޓް ކޮށްގެން ލިބެންޖެހޭ ފައިދާގެ ގޮތުގައި ނުލިބިވާ 390،840ރ. ހޯދުމަށެވެ.
މި ދައުވާ އުފުލުމާ އެކު، ޝަރީއަތް ހިންގުމަށް ތިން ފަހަރެއްގެ މަތިން އަލްހާނާއި ޝަހުބާން ކޯޓަށް ހާޒިރުވާން އަންގައި އިއުލާން ކުރި އެވެ. ނަމަވެސް، އެ އިއުލާނާ އެއްގޮތަށް އެ މީހުން ކޯޓަށް ހާޒިރުވެފައި ނުވާތީ، މައްސަލައިގެ ހުކުމް އިއްވީ ޣައިރު ހާޒިރުގަ އެވެ.
ސިވިލް ކޯޓުން ނިންމީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަން ސާބިތުވާ ކަމަށާއި އެހެންކަމުން ދައުވާ ކުރާ ފަރާތުން އެދޭ ފައިސާއަކީ ދައުވާ ލިބޭ ފަރާތްތަކުން ދޭން ޖެހޭ ފައިސާތަކެއް ކަަމަށެވެ. އެ ފައިސާގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ހަރަދު ކަމަށްވާ 76،626ރ. ވެސް ކޯޓުން ވަނީ ނަގައިދޭން ނިންމައިފަ އެވެ.
އެހެންވެ، އެކު ޖުމްލަ 587،466ރ. ދައްކަން އަލްހާނާއި ޝަހުބާން އަދި ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް ހުކުމް އިއްވި އެވެ.
ކިންގްސް ކެޕިޓަލްސްއިން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ހިންގި އިންވެސްޓްމަންޓް ސްކީމްގެ މައްސަލާގައި އަލްހާނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގި އެވެ. އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވީ ނޮވެމްބަރު 2023 ގަ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ތިން މީހުންގެ މައްޗަށް ޓެކުމުގެ ކުށުގެ 13 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ.
ނަމަވެސް ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް، ދައުވާ ލިބޭ ފަރާތުން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 ފަރާތަކަށް ބަދަލުދީ، ހަލާސް ކޮށްފައިވާ ކަމަށް ބަޔާންކޮށް ދައުވާތައް އަނބުރާ ގެންދަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
ޕީޖީން ބުނެފައިވަނީ ދައުވާތައް އަނބުރާ ގެންދިޔައީ ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އެ މީހުން ބުނެފައިވާތީ ކަމަށެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނާއި އާއިލާގެ ބައެއް ބޭފުޅުންގެ ކިންގްސް ކެޕިޓަލް ހޯލްޑިން އިން އޮންލައިން ޓްރޭޑިންގެ ނަމުގައި އެތައް ބައެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އޭގެ ތެރެއިން 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދެއްކޭ ހާލަތަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ކިންގްސް އިން ކުރިން ހިންގި ސްކީމުން ވަނީ 1،864 މީހެއްގެ އަތުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއިން ކްރިޕްޓޮ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކެއް ހިންގައިފަ އެވެ. އަދި ސްކީމްގައި ބައިވެރިވި މީހުންގެ ފައިސާގެ ތެރެއިން ބައެއް، ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.