ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ޝައިހް ހަސީނާ ދުރުކުރި މުޒާހަރާތަކުގައި ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި އުޅުނު ޝަރީފް އުސްމާން ހާދީއަށް މިދިޔަ ހަފްތާގައި ބަޑިން ދިން ހަމަލާއަކަށް ފަހު ފަރުވާ ދެމުން ދަނިކޮށް މަރުވުމުން މަގުތަކަށް މީހުން ނުކުމެ ބޮޑެތި ހަމަނުޖެހުންތައް ހިންގަން ފަށައިފި އެވެ.
އުމުރުން 32 އަހަރުގެ ހާދީ އަށް ހަމަލާ ދިނީ މިސްކިތުން ފައިބައިގެން ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގޮސް ބަޑިން ދިން ހަމަލާއެއްގައި ޒަހަމްވުމުން ސިންގަޕޫރަށް ގެންގޮސް ފަރުވާ ދެނިކޮށް އިއްޔެ އެވެ.
ކުރިއަށް އޮތް އާންމު އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ހާދީ މަރުވި ކަމުގެ ޚަބަރާ އެކު އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ތަންތަނަށް ގެއްލުން ދިނުމުގެ ތެރޭގައި ވަނީ ޕްރޮތޮމް އަލޯ އާއި ޑެއިލީ ސްޓާ ނޫހުގެ އޮފީހުގައި މީހުން ތިއްބާ ހުޅުޖަހައިފަ އެވެ. މި ދެ ތަނުގެ އިތުރުން ވެސް އެތައް އިމާރާތަކަށް ގެއްލުން ދީ ހުޅުޖެހުމުން، އެ ތަންތަނުން މީހުން ނެރެ ސަލާމަތްކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހުނެވެ.
މަރާލި ޒުވާން ލީޑަރަކީ މުޒާހަރާގެ ބައިވެރިން މެރުމާއި ކޮރަޕްޝަންގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ހަސީނާއަށް ހިމާޔަތް ދެމުން އަންނަ އިންޑިއާއާ ދެކޮޅަށް އަޑު އުފުލާ މީހަކަށް ވާއިރު ހުޅުޖެހި ދެ ނޫހަކީ އިންޑިއާ ކޮޅަށް ބުރަވެ ޚަބަރުތައް ގެނެސްދޭ ކަމުގެ ފާޑުކިޔުން އަމާޒުވެފައިވާ ދެ ތަނެވެ.
ހަމަނުޖެހުން ފެށީ ހާދީއަށް ހަމަލާ ދިން ބަޔަކު ހޯދުމަށް ގޮވާލައި އަޑު އުފުލުމުގެ ތެރޭގަ އެވެ.
ބަންގްލާދޭޝްގެ ފުލުހުން ވަނީ ހާދީގެ ގާތިލުން ކަމަށް ބެލެވޭ ދެ މީހުންގެ ފޮޓޯ އާންމުކޮށް އެ މީހުން އަތުލައިގަނެވޭނެ މައުލޫމާތެއް ދިން މީހަކަށް ފަސް މިލިއަން ޓާކާ (ގާތްގަނޑަކަށް 42،000 ޑޮލަރު) ހުށަހަޅައިފަ އެވެ.