އެ މަނިކުފާނަށް ޖަލު ހުކުމެއް އައުމަކީ ނެތް ގޮތެއް ކަމަށާއި ގާނޫނީ ހަމަތަކުގެ ތެރޭގައި "ގައިގައި އަތްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން އެހެން ވިދާޅުވީ، "ރީސެޓް" ގެ ނަމުގައި އެ މަނިކުފާނުގެ ޕީއެންއެފުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި އާންމު މީހަކު ކުރި ސުވާލެއްހެ ޖަވާބުގަ އެވެ.

ޔާމީން ވިދާޅުވީ ގާނޫނާ އެއްގޮތަށް، އިންސާފުވެރި ޝަރުއީ ހަމަތަކުގެ މަތިން އެ މަނިކުފާނުގެ "ގައިގައި އަތްލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ" ކަމަށެވެ.

ޔާމީން މި މޭރުމުން ވާހަކަފުޅު ދެއްކެވީ 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ދެވަނަ ބޭފުޅަކު ނެރެން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރައްވާނެ ގޮތަކާ ބެހޭ ގޮތުން މީހަކު ސުވާލު ކުރުމުންނެވެ. ރާއްޖޭގައި ކަންހިނގާ ގޮތުން ޔާމީނަށް ފުރުސަތު ލިބިވަޑައިގެންފާނެ ކަމަށް ހީނުވާ ކަމަށް ވެސް ސުވާލުކުރި މީހާ ބުންޏެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ޔާމީން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ރައީސަށް ފުރުސަތު ނުލިބުމުގެ [ސަބަބުތަކުގެ] ތެރޭގައި ހިމެނޭނެ ރައީސް މަރުވެގެން ދިއުން، ރައީސް ބުއްދި ފަސްވެގެން ދިއުން، ރައީސް މަގާމަށް ކުފޫ ހަމަނުވެގެން ދިއުން، މިކަހަލަ ހާލަތެއްގައި ރައީސް ހުރިއްޔާ އެ ރައީސަކާ ދޭތެރޭގައި ތިޔަ ބޭފުޅުން އުއްމީދު ވެސް ކުރައްވާނެ ކަމެއް ނެތެެއްނުންތޯ؟" އެ ސުވާލަށް ފުރަތަ ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވި އެވެ.

އެ އަށް ފަހު ޔާމީން އެދިވަޑައިގަތީ، ސުވާލުކުރި މީހާ އަހަން ބޭނުންވަނީ އެ މަނިކުފާނަށް "ޖަލު ހުކުމެއް އަތުވެދާނެތޯ" ކަމަށް ވަންޏާ އެ ސުވާލު ސީދާ ކުރާށެވެ. ނަމަވެސް ސުވާލު ތަކުރާރުކުރުމުގެ ފުރުސަތު ނުދެއްވައި ޔާމީން ވިދާޅުވީ ޖަލު ހުކުމެއް އަންނާނެ ގޮތެއް ނެތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޖަލު ހުކުމެއް އަންނާނެ ގޮތަކީ ނެތް ގޮތެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، މި ސަރުކާރުން ވެސް އެ މަނިކުފާނު ޖަލަށް ލާން ބޭނުން ނަމަ ލާންވީ ކަމަށާއި އެކަމަކު އެއީ "ހައްދަވާނެ އެންމެ ބޮޑު ގޯސް" ކަމަށެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އިބްރާހިމް މުހައްމަދު ސޯލިހު އަދި އެއީ އަޅުގަނޑުމެންގެ ފިކުރާ ތަފާތު ފިކުރެއްގައި ހުރެގެން ބޮޑު އަވަށްޓެރި ގައުމެއްގެ އެހީ ލިބިގެން، ފައިސާ ލިބިގެން ވެރިކަމުގައި ހުރެގެން އަޅުގަނޑު ޖަލު ބައިންދައިގެން އޭނާ ހީކުރީ އޭނާ އަށް ރިޔާސީ އިންތިހާބުގައި ދެވަނަ ބުރެއް ލިބޭނެ ކަމަށް. ކޮންތާކުތޯ ވީ؟ ﷲ ގެ ތަގުދީރު ﷲ ގެ ނިންމެވުން މާ ވަރުގަދަ،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ޖަލަށްލި ޔާމީން ވިދާޅުވި އެވެ.

ޔާމީން މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ދައުވާކުރާ ދެ މައްސަލައެއް އަދި ނުނިމި އެބަ އޮތެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.