ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވެ. އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކުރިން އޮތީ ނިންމައިފަ އެވެ.

އެ ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަތައް ބެއްލެވި ގާޒީ އަލީ ނަދީމް ވަކިވަކިން އިއްވެވި އަދަބުތަކުގެ ޖުމްލަ އެއްކޮށްލުމުން 109 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއަކަށް އަރަ އެވެ.

މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.

ޝިފާއު މިއަދުގެ އަޑުއެހުމުގައި
ޝިފާއު މިއަދުގެ އަޑުއެހުމުގައި

ޝިފާއު ޖަލަށްލުމުގެ އިތުރުން އޭނާ އޮޅުވާލައިގެން ހޯދި މުދާތަކުގެ ބަދަލުގެ ފައިސާ ހަ މަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް އެ ހުކުމްތަކުގައި ގާޒީ ނަދީމް އެންގެވި އެވެ. އަދި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާ ވެސް އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން އެ ހުކުމުގައި ގާޒީ އެންގެވި އެވެ.

އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް މިއަދު ބޭއްވި މަޖިލީހުގައި ޝިފާއުގެ ފަރާތުން އެދުނީ ގޭ ބަންދުގެ ހުކުމެއް ނުވަތަ ހުކުމުގެ ވަކި މުއްދަތެއް ގޭ ބަންދު ކުރުމުގެ ހުކުމަކަށް ބަދަލުކޮށް ދިނުމަށެވެ.

އޭނާގެ ވަކީލް ވިދާޅުވީ ޝިފާއުއަކީ ޒިންމާދާރު މީހެއް ކަމަށާއި އަދި އެ މައްސަލާގެ ފަހުން އޭނާގެ އިތުރު ރެކޯޑެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ޝިފާއުއަކީ އާއިލާއެއް ބަލަހައްޓަމުންދާ މީހަކަށް ވާތީ އެކަންކަމަށް ރިއާޔަތްކުރަން ވަކީލް އެދިވަޑައިގަތެވެ.

ޝިފާއު ބުނީ ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާ އަނބުރާ ދެވޭނީ ވެސް ބަންދުން މިނިވަންވެފައި ހުރެގެން ކަމަށެވެ. އެހެންވެ، ދެވެން އޮތް އެންމެ ލުއި އަދަބެއް އޭނާ އެދުނެވެ.

އެ މައްސަލާގައި ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އޭނާއަށް ލުއި އަދަބެއް ދޭން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ކުރިން ހެދި އެވެ. ނަމަވެސް އެ އެއްބަސްވުމަކީ އެ މައްސަލާގެ ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެ އެއްބަސްވުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމި އެވެ.

އޭގެކުރިން މި ސަރުކާރުގެ ސިޔާސީ މަގާމަކަށް ވެސް ޝިފާއު އައްޔަންކުރި އެވެ. ނަމަވެސް އެ މައްސަލަ މީޑިއާގައި ފެންމަތިވުމުން އޭނާ މަގާމުން ވަކިކުރި އެވެ.

އެ މައްސަލަތަކުގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ދިޔަ އެވެ. އެހެންވެ، އޭނާ ހައްޔަރުކުރަން އިންޓަޕޯލް ރެޑްނޯޓިސް ނެރެފައި ވަނިކޮށް އޭނާ އެނބުރި ރާއްޖެ އައުމުން އޭނާ އަލުން ހައްޔަރުކުރި އެވެ.