އެ ވާހަކަ ފައްޓަވަމުން ވެސް، ކަމުގެ ސީރިއަސްކަން ބޮޑުކަމުން އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހް ވިދާޅުވީ އެއީ އަޑުއަހަން އުނދަގޫ އެކަމަކު މިއަދު ރާއްޖޭގައި ކޮންމެ ދުވަހަކު ހިނގަމުންދާ ކަމެއް ކަމަށެވެ.

ރާއްޖޭގައި ވަކި މަސައްކަތެއް ކުރަން ދިވެހިން އިސްވެ ތިބެ، ބިދޭސީން ގެނައުމަށް ފަހު، ދިވެހި މީހާ ބަދަލުވަނީ ފަސީހުގެ ބަހުން ނަމަ "މުސާރަވެރިއަކަށް" ނުވަތަ ބިދޭސީމީހާގެ "އެމްޕްލޯއީ" އަކަށެވެ. އެ ބިދޭސީން ކަމެއްގައި ބެދިއްޖެ ނަމަ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން 6-10 ވަރަކަށް ވަކީލުން ވެސް ވަގުތުން ނުކުމެެ އެވެ.

ފަސީހު އެ ވިދާޅުވެދެއްވީ، ރާއްޖޭގައި ބިދޭސީންގެ ބާރާއި ނުފޫޒު އޮތް ވަރެވެ. ދިވެހިން އެ މީހުންނަށް އަޅުވެތިވެފައިވާ މިންވަރެވެ.

މާލޭގެ އެކިއެކި ކަންމަތިތަކުގައި ކުދިކުދި ކެފޭތަކާއި ފިހާރަތައް ގިނަވާ މައިގަނޑު ސަބަބަކީ އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި އެއީ އެވެ.

"ދިވެހި މީހާގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓަރީ ކޮށްދެނީ، ކަންމަތީ ފިހާރައިން ކެފޭތަކުން ފުރުޓްފިހާރައިން. އެ ވާހަކަތައް ރައްޔިތުން އެ ދައްކަނީ. ކިހިނެއްހޭ މިވަނީ؟ އެ މީހުންގެ [ބިދޭސީން] އެކައުންޓަށް ލާރި ވެސް ޖަމާވަނީ،" ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި މީޑިއާ ބްރީފިންގައި ފަސީހު ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ފަސީހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އިމިގްރޭޝަން ކޮންޓްރޯލަރު ފަސީހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ވިދާޅުވި ގޮތުގައި، އެއީ މާލީ މަންފާއަކަށްޓަކައި ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިން ގަސްދުގައި ނުވަތަ އިހުމާލުން ކުރާ ކަމެކެވެ.

އެހެންވެ، އެ ޖަރީމާ ހިންގާ މީހުން ހޯދުމަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ހާއްސަ ތަހުގީގެއް ހިންގައި ދިވެހިންނާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ ކަންމަތީ ފިހާރަތަކާއި ފުރުޓް ފިހާރަތަށް ހިންގުމުގެ ފުރުސަތު ބިދޭސީންނަށް ނުދިނުމަށެވެ.

"ރާއްޖޭގައި އެބަހުރި ބޭރު މީހުންނާ އެކު ވިޔަފާރިި ކުރެވޭނެ ގޮތްތައް. އެ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރައްވާށޭ. އެހެން ނޫން ކަަމަށް ވަންޏާ މިނިސްޓަރު [އިހުސާން] ވިދާޅުވި ގޮތަށް ނުދައްކާ ލާރިއެއް ވެސް. މީރާއަކަށް ވެސް ނުދައްކާ ލާރިއެއް. ބައެއް ތަންތަން ހުރޭ ވިޔަފާރި ކުރަން ރަޖިސްޓަރީ ނުކޮށް ވެސް،" ފަސީހު ވިދާޅުވި އެވެ.

ދިވެހިންގެ ނިވަލުގައި ކަންމަތީ ފިހާރަތައް ހިންގާ ބިދޭސީން ރާއްޖޭގައި "ބާރުގަދަކަން" ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވީ، އެއިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި ނަމަ ހައެއްކަ ގާނޫނީ ވަކީލުން ހިލޭސާބަހަށް މަސައްކަތް ކޮށްދޭން ބޭނުންވެގެން ދާ ކަމަށެވެ.

"އެކަމަކު ފުލުހުން މީހަކު ހައްޔަރަށް ގެންގޮސްފިއްޔާ ވިއްސަކަށް ހާސް ރުފިޔާ އިނީޝިއަލީ ދީގެން ދާނީ ވެސް. ބިދޭސީމީހަކު ހައްޔަރަށް ގެންގޮސްފިއްޔާ އެބަ އާދޭ ހިލޭ ސާބަހަށް 10 ވަރަކަށް މީހުން [ގާނޫނީ ވަކީލުން] ހައެއްކަ މީހުން. އެ އިން މި ދައްކައިދެނީ މިކަމުގެ ރޫޓުލާފައި އޮތް ވަރު. މި މީހުން ވިޔަފާރިތެރެއަށް އޮތް ވަރު. މި މީހުންގެ މުއްްސަނދިކަން. މި މީހުންގެ އެކައުންޓުގައި ލާރި ހުރި ވަރު،" ބިދޭސީންގެ އާރާއިބާރު ރާއްޖޭގައި އޮތް ވަރު ހާމަކޮށްދެއްވުމުގެ ގޮތުން ފަސީހު ވިދާޅުވި އެވެ.

ބިދޭސީން އިސްވެ މާލޭގައި ހިންގާ "ގޮޅިއެއް"
ބިދޭސީން އިސްވެ މާލޭގައި ހިންގާ "ގޮޅިއެއް"

މާލޭގެ އެކިއެކި ގޯޅިތަކުގައި ހާއްސަ ކުދިކުދި ގޯޅިތަކުގައި "ގޮޅިތައް" ހަދައިގެން ބިދޭސީން ވިޔަފާރިކުރާ މައްސަލަ އިންތިހާ އަށް ބޮޑުވެ، އެކަމުގެ ޝަކުވާ ދިވެހި ވިޔަފާރިވެރިން ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން މިހާރު ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން މިޔަ ނޮވެމްބަރު 29 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ.