ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުންދާއިރު، ގްރޫޕްތަކުން ކުށްކުރާ ހިސާބުތަކުން މިހާރު ގިނައިން ފެންނަނީ ކުޑަކުދިން ކަމަށާއި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ކުށުގެ ވެށީގައި ކުރިން އުޅޭ މީހުންނަށް ވުރެ ބޮޑަށް މިހާރު ފެންނަނީ އާ މޫނުތައް ކަމަށެވެ. އޭގެތެރޭގައި ގިނައީ 17-18 އަހަރުގެ ކުދިން ކަަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެފަހުން އޯ ލެވެލް ހެދި ކުދިން. ނުވަތަ 18 އަހަރު ކިރިޔާ ވެފައި ނުވަތަ 17 އަހަރުގެ ކުދިން އެ ފެންނަނީ އެ ތަންތަނުން. އަޅުގަނޑުމެން ހޮޓް ސްޕޮޓްސްއޭ މި ކިޔާ ގްރޫޕްތައް އެއްވެގެން އޮންނަ ތަންތަނުން މި ފެންނަނީ 17 އަހަރުގެ ކުދިން،" ސީޕީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކަންބޮޑުވާ ދަރަޖައަށް އެބަ ފެނޭ، މި ކުދިންނަށް ނަސޭހަތް ދީފައި މި ފޮނުވާލަނީ މިހާރު އެއްވެސް ކުށެއް ނުކުރާތީ. އެކަމަކު ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ބިރުބޮޑީ މި ކުދިން ކުށުގެ ތެރެއަށް ވަދެގެން ދާނެތީ."
ކުށުގެ ވެށިން އެ ކުދިން ސަލާމަތްކުރަން ބެލެނިވެރިން މަސައްކަތް ކުރަން ނަވީން އެދިވަޑައިގަތެވެ.
އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިވަގުތު ކުށުގެ މާހައުލުގައި އުޅެމުންދާ 220 ކުދިންނަށް ފަރުވާގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ކުށުގެ މާހައުލަށް ވަދެދާނެ ކަމުގެ ބިރު އޮތް 162 ކުދިންނަށް ވެސް ހިދުމަތް ދެމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާ ދޭންޖެހެ އެވެ. އެ ނިޒާމުގެ ތެރެއިން 18 މަސް ދުވަހުގެ ތެރޭގައި މަރުކަޒުތައް ނިންމައި، ބޭނުންކުރަން ފަށަން ޖެހޭނެ ކަމަށް ބުންޏަސް، މިދިޔަ ސަރުކާރުގެ ފަސް އަހަރުވެގެން ދިޔައިރު ވެސް އެކަން އޮތީ ނުފަށަ އެވެ.
ކުޑަކުދިންގެ އަދުލު ނިޒާމުގެ ތެރޭގައި ހަ މަރުކަޒު އަޅަން ޖެހެ އެވެ. އެއީ
- ކުށުގައި އުޅޭ ކުދިން ބަލަހައްޓާ ޑިޓެންޝަން ސެންޓަރެއް
- ލޯންގް ޓާމް ޖުވެނަލް ސެކިއޯ ފެސިލިޓީ
- ޖުވެނަލް ރެސިޑެންޓަލް ޓްރީޓްމަންޓް ސެންޓަރު
- ހާފްވޭ ހައުސް
- ޖުވެނަލް ލޯންގްޓާމް ކެއާ ފެސިލިޓީ
ސަރުކާރާ ހަވާލުވިއިރު އަޅާފައި ހުރީ އެންމެ ފެސިލިޓީއެއް ކަމަށާއި އެއީ ހަމައެކަނި ޖުވެނަލް ޑިޓެންޝަން ސެންޓަރެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
މި ސަރުކާރު ހަވާލުވެ މިދިޔަ ދެ އަހަރު ތެރޭ ޖުވެނަލް ރެސިޑެންޓަލް ޓްރީޓްމަންޓް ސެންޓަރަކާއި ހާފްވޭ ހައުސް އެއް ގާއިމްކޮށް ހިދުމަތާއި ޖުވެނަލް ލޯންގްޓާމް ކެއާ ފެސިލިޓީގެ ހިދުމަތް ވެސް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގަ އެވެ. އޭގެކުރިން ރާއްޖޭގައި އޮތީ 10 އަހަރު ފުރިފައިވާނަމަ އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އަދި 13 އަހަރު ފުރުމަށްފަހު ހުރިހާ ކުށެއްގެ ޒިންމާ އުފުލަންޖެހޭ ގޮތަށެވެ.
ނަމަވެސް، އެ އުމުރު މަތިކުރުމުން، ބޮޑެތި ކުށްތައް ކުރާ ކުދިންނަށް އަދަބު ނުދެވޭތީ ކަމާގުޅޭ ފަރާތްތަކުން ވެސް ވަނީ އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަރުކާރުން ވަނީ އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތަށް، 12 އަހަރުވުމުން ޖިނާއީ ކުށަށް ޒިންމާވާންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ނިންމައިފަ އެވެ.