ބޭރުގެ އިންޓެލިޖެންސް މައުލޫމާތަކަށް ދިވެހި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހއ. ކެލާ ކައިރިން ސްރީ ލަންކާގެ ދެ މަސްބޯޓު އިއްޔެ އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި، އިންޓެލިޖެންސަށް ކޯސްޓްގާޑާއި އެއާކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށެވެ.

ހއ. ކެލާ ކައިރިން ހިފެހެއްޓި ލަންކާގެ ދެ މަސްބޯޓުގެ ތެރެއިން އެއް ބޯޓު ސިފައިންގެ ޑްރޯން އިން ލޮކޭޓްކޮށްފައި.-- ފޮޓޯ: އެމްއެންޑީއެފް
ހއ. ކެލާ ކައިރިން ހިފެހެއްޓި ލަންކާގެ ދެ މަސްބޯޓުގެ ތެރެއިން އެއް ބޯޓު ސިފައިންގެ ޑްރޯން އިން ލޮކޭޓްކޮށްފައި.-- ފޮޓޯ: އެމްއެންޑީއެފް

ލަންކާގެ އެ ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ހެނދުނު 8:30 ހާއިރު، ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި އޮއްވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ދެ ބޯޓު ހދ. ކުޅުދުއްފުށި ބަނދަރަށް ވައްދައި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެކަމާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ މަހު ކުރީކޮޅު ސިފައިން އަތުލައިގަތެވެ. އެ ބޯޓުގައި 350 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ. އެ މައްސަލާގައި، އެ ބޯޓުގައި ތިބި ލަންކާގެ ފަސް މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ލަންކާ ހާއްސަ ޓީމެއް ވެސް ރާއްޖެ އައިސްފައިވެ އެވެ.