ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބަޔޯމެޓްރިކްސް ދޭން ސަރުކާރުން ދިން މުހުލަތު ހަމަވި ފަހުން ނުދީ ތިބި 500 މީހަކު މިހާތަނަށް ޑީޕޯޓްކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ އެންމެންނަކީ ސަރުކާރަށް އެމީހުންގެ މައުލޫމާތު އެނގޭ އަދި ޒިންމާވާނެ ބަޔަކު ތިބި މީހުންނަށް ހަދަން ހިންގާ އޮޕަރޭޝަން މެއި 1، 2027އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެހާ ހިސާބަށް ރާއްޖޭގައި ގަވައިދާ ހިލާފަށް ތިބޭ ހުރިހާ އެންމެން ހިފައި ހައްޔަރުކޮށް ރާއްޖޭން ބޭރުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަނަރަ ނޮވެމްބަރު 2025 އިން ފެށިގެން މިއަދާ ހިސާބަށް ގާތްގަނޑަކަށް އެއް މަސް ތެރޭގައި، މިހާތަނަށް ފިންގަޕްރިންޓް ނުދީ ރާއްޖޭގައި އުޅެމުން އައި ބިދޭސީންގެ ތެރެއިން 509 ބިދޭސީން ވަނީ އިމިގްރޭޝަނުން ހިފައި ރާއްޖެއިން ބޭރުކޮށްލާފައި،" އިހުސާން ވިދާޅުވި އެވެ.

އެއާއެކު މި ދެ އަހަރުގެ ތެރޭގައި ޑީޕޯޓްކުރި ބިދޭސީންގެ ޖުމްލަ އަކީ މިހާރު 9،695 ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި. ފޮޓޯ: ނިޝާން އަލީ | މިހާރު
ހޯމް މިނިސްޓަރު އަލީ އިހުސާން ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި. ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ އެންމެންނަކީ ސައްހަ ލިޔެކިއުން ހުރި، ސަރުކާރަށް އެ މީހުންގެ މައުލޫމާތު އެނގޭ ބަޔަކަށް ހަދަން ހިންގާ އޮޕަރޭޝަނުގެ ފަހު ފޭސް ފަށާނީ އަންނަ އަހަރު ކަމަށް ވެސް ވިދާޅުވި އެވެ. އެ ފޭސް ނިމޭ އިރު ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ވާނީ ސަރުކާރަށް އެ މީހުންގެ މައުލޫމާތު އެނގޭ، އަދި އެ މީހުންނަށް ޒިންމާވާނެ އެމްޕްލޯޔަރުން ތިބި ބަޔަކަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކުރަން މިހާތަނަށް ކުރި މަސައްކަތުން 202،000 މީހެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

"މިހެންކަމުން އަޅުގަނޑުމެން ޓާގެޓް ކުރި ވަރަށް ވުރެ ވެސް އަވަހަށް އަޅުގަނޑުމެންގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި މިހާތަނަށް މައުލޫމާތު އެއްކުރި މީހުންގެ ތެރެއިން އެމްޕްލޯޔަރެއް ނެތް މީހުން އެމްޕްލޯޔަރެއް ހޯދައި، ނިޒާމުގެ ތެރެއަށް ވަންނަން ތިން މަސްދުވަހުގެ މުހުލަތެއް ދޭނެ އެވެ.