އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕީއެންސީގެ ޓިކެޓު ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ހުށަހެޅި ފަރާތުގެ ނަން ފަލާހު ވިދާޅުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި، އެއީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ސަރުކާރުން މިދިޔަ އަހަރު އަރުވާފައިވާ މޫސާ އަލީ ޖަލީލެވެ.

އަސްކަރީ ދާއިރާގައި 32 އަހަރު ހިދުމަތްކުރައްވައި، ފެބްރުއަރީ 9، 2012 ގައި ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ މޫސާ އަލީ ޖަލީލް ވަނީ މިދިޔަ ހަފުތާއެއްގެ ތެރޭގައި މޭޔަރުކަމަށް ނުސީދާ ކެމްޕެއިންތަކެއް ސޯޝަލް މީޑިއާގައި ވެސް ކުރައްވައިފަ އެވެ.

މާލޭގެ މޭޔަރަކަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވަނީ މިހާރު ވެސް މޭޔަރު އާދަމް އާޒިމާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.

ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު ފަލާހު މިއަދު ވިދާޅުވީ، އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުށަހެޅި ކެންޑިޑޭޓުންގެ އަދަދު 97 ޕަސެންޓަށް އަރާ ކަމަށެވެ. އެ އިން ދައްކައިދެނީ ޕީއެންސީ އަށް އާންމުން ކުރާ އިތުބާރާއި ތާއީދު ކަމަށް ފަލާހު ވިދާޅުވި އެވެ.

ޕީއެންސީން އަންނަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވަން ތައްޔާރުވަމުންނެވެ. އަދި ޕްރައިމަރީގައި ވާދަކުރަންޖެހޭ ކެންޑިޑޭޓުން ކަނޑައަޅަން މިހާރު ފަށާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، ޕްރައިމަރޫގެ ކަންކަން ވެސް ކުރިއަށް ގެންދާނީ ވަރަށް ދެފުށް ފެންނަ ގޮތަށް އަދި އާންމު މެމްބަރުންގެ އިތުބާރު ލިބޭ ގޮތަށް ކަމަށެވެ.