ހުޅުމާލެ 2 ގައި އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ކުރީކޮޅު ބުނެފައިވީ ނަމަވެސް މަސައްކަތުގެ ސްޕީޑު ހުރި ގޮތަށް ބަލާއިރު އެ ތާރީހަށް ނުނިންމޭނެކަން ޔަގީންވެއްޖެ އެވެ.

ހިޔާ ފްލެޓުތައް ކައިރިން ސަލާހުއްދީން ސްކޫލާ އިންވެގެން އޮންނަ ބިމުގައި އެ މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ސޮއިކުރީ ޖެނުއަރީ 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނުވަތަ އެއް އަހަރާއި ތިން މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަސައްކަތް ނުނިމި އެތައް ދުވަހެއް ދިގުލައިގެން ދާތީ އެތައް ބައެއްގެ ޝަކުވާ އިތުރުވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި އަހަރުގެ ފެބްރުއަރީ މަހު ވިދާޅުވީ، މި ޑިސެމްބަރު މަހުގެ ނިޔަލަށް އެ މިސްކިތުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

އެކަމަކު، މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ބަލާއިރު އަދި އެ މިސްކިތް އެއްކޮށް ނިންމާލަން ގާތެއް ވެސް ނުވެ އެވެ. ކޮންސްޓްރަކްޝަން މަސައްކަތްތައް އަދިވެސް ނުނިމެ އެވެ.

އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.--- ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.--- ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެސްޖޭ މިސްކިތް ލަސްވާ ސަބަބާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ކަމާ ގުޅޭ އޮފިޝަލުންނާ މިއަދު ސުވާލުކުރި ނަމަވެސް ވަކި ޖަވާބެއް ނުދެއްވި އެވެ.

އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސަައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވެސް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެ މިސްކިތް އިމާރާތްކުރަން ބޭރުން ގެންނަ މުދަލުން ޑިއުޓީ ނުނަގާތީ އެސްޖޭ އިން އޭގެ ފައިދާ ނަގައި، އެހެން މަސައްކަތްތައް ކުރަމުންދާ ކަމުގެ ތުހުމަތު ކުރާއިރު އެކަން ދޮގުކޮށް އިސްލާމިކް މިނިސްޓަރު ޝަހީމް ކުރިން ވިދާޅުވީ، އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށެވެ.

އެސްޖޭ ކުންފުންޏަށް އަމާޒުވާ ތުހުމަތުތައް ދޮގުކުރައްވައި، ޝަހީމް މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައި ވަނީ މިސްކިތުގެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށީ މި ސަރުކާރު އައި ފަހުން ކަމަށެވެ.

އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެ ތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ބުނެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެ ތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ބުނެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޑިޒައިންގައިވާ ގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.

ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކުރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ހުށަހެޅުމުންނެވެ.

އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޒިކުރާ މިސްކިތް އަޅަން އެސްޖޭ އަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާ އެކު، އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އަދި އެ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ދަށުން ކުރާ ގޮތަށެވެ.