ރާއްޖޭގެ ސްކޫލްތަކުގައި އޮތީ މުބާރާތްތައް ކަމަށާއި ހޯމް ސްކޫލިން ތައާރަފްކުރަން ޖެހިފައިވާ ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ މީހުންނާ ބައްދަލުކުރަން ބާއްވަވާ ބައްދަލުވުންތަކުގައި ރޭ ގަލޮޅު ރައްޔިތުންނާ އެކި ބޭއްވެވި ބައްދަލުވުމުގައި ރާޝިދާ ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ހަމަޖެހިލައިގެން ނޭވާލާނެ ވަގުތުކޮޅެއް ސްކޫލްތަކުގައި މިހާރު ނުލިބޭ ކަމަށެވެ.

"ކިޔެވުން ވެސް މުބާރާތަކަށް ވެއްޖެ. އެކްސްޓާ އެކްޓިވިޓީސްތައް ވެސް މުބާރާތަކަށް ވެއްޖެ. ދުވަސްތައް ފާހަގަކުރުން ވެސް މުބާރާތަކަށް ވެއްޖެ. މިހާރު ސްކޫލުތަކުގައި ހުސް މުބާރާތްތައް އޮންނަހެން ހީވަނީ،" ޓީޗިން ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ރާޝިދާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔޫތު އެންޑް ވިމެންސް އެފެއާޒް މިނިސްޓަރުކަމާއި ވިމެންސް އެފެއާޒް އެންޑް ސޯޝަލް ވެލްފެއާ މިނިސްޓަރުކަމާއި ވިމެން އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރުކަން އަދި ލަންކާގައި ހުންނަވާ ހައި ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ރާޝިދާ ވިދާޅުވީ މިއީ އޭނާ ސްކޫލެއް ހިންގެވި އިރު ވެސް ފެށިގެން އުޅޭ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާޝިދާ ވިދާޅުވީ ސިކުނޑި ބޭނުންކޮށްގެން ވިސްނައި ފިކުރުކޮށްގެން ކަންކަން ދަސްކުރަން މިހާރު ކުދިން ބޭނުން ނުވާ ކަމަށެވެ. ކުދިން ކިޔަވަނީ ހިތުދަސްކޮށްގެން ކަމަށާއި ވިޔަފާރި އުސޫލުން ހައްދާ ޕާސްޓްޕޭޕަރާއި ޓިއުޝަނުން ކަމަށް ވިދާޅުވި އެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދޭ ޕްރޮޖެކްޓުތަކާއި އެސައިންޓްމެންޓްތައް ވެސް ވިޔަފާރި އުސޫލުން ހައްދައިދޭ ކަމަށް ވިދާޅުވި އެވެ.

މިހާރު ގްރޭޑް 12 ނިންމައިގެން ނިކުންނަ ދަރިވަރުންނަށް ސިޓީއެއް ލިޔަން ނޭނގުމާއި ދިވެހިން ވާހަކަ ދައްކަން ވެސް ނޭނގޭ ކަމަށް އިވޭ ވާހަކައިގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ. ރާޝިދާ ވިދާޅުވީ ސްކޫލް ނިިމިގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި އެހެން މީހުންނަށް އިހްތިރާމްކުރުން ވެސް ނެތް ކަމަށެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ:ނިޝާން އަލީ | މިހާރު
ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ:ނިޝާން އަލީ | މިހާރު

ސްކޫލު ނިންމާ ކުދިން ވަޒީފާގައި ހަރުނުލާ މައްސަލަ ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ސްކޫލު ނިންމާފައި ނުކުންނަ ކުދިން އަދާކުރާ ވަޒީފާ ކަމުނުގޮސްފި ނަމަ އެކަން އިތުރަށް ކުރާކަށް ބޭނުމެއް ނުވޭ. ލިބުނު ވަޒީފާ އަދާކޮށްގެން އެއިން ލިބުނު އެއްޗެއް ހޯދައިގެން ކުރިއަށް ދާން ދަރިންނަށް ދަސްކޮށެއް ނުދެވޭ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވެސް އިންނެވި ބައްދަލުމުގައި އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް ރާޝިދާ ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ތައުލީމު ދެމުން އަންނަ ގޮތް ބަލައި ދިރާސާކުރަންޖެހޭ ކަމަށެވެ. މިހާރު އޮތް ހާލަތުން، ގައުމު ހިންގުމުގެ ގާބިލްކަން ހުރި ބަޔަކު އުފެއްދިދާނެ ކަމާ މެދު ސުވާލު އުފައްދަވަމުން ރާޝިދާ އެދިވަޑައިގަތީ ގާނޫނަކަށް ފައްތައިގެން ވިޔަސް ހޯމް ސްކޫލިން ތައާރަފްކޮށްދިނުމަށެވެ.