ފުލުހުންގެ ނޫ ޔުނިފޯމަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި އެހެންވެ އެ ޔުނިފޯމަށް ގަދަރު ކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ރޭ އެދިވަޑައިގެންފި އެވެ.

އޭނާ އެ ކަމަށް އެދިވަޑައިގަތީ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ނަވީން ވިދާޅުވީ، ފުލުހުން ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ޑިއުޓީ އާއި ފުލުހުންގެ ހުވަ އާއި އަޒުމް އަދި ހަވާލު ކޮށްފައިވާ ޒިންމާ "ނޫ ޔުނީފޯމް" ހަނދާން ކޮށްދޭނެ ކަމަށެވެ.

"މި ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއް. އަދުލުވެރިކަމުގެ ރަމްޒެއް. މި ނޫ ޔުނީފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއް. އެހެންކަމުން މި ނޫ ޔުނީފޯމަށް ގަދަރު ކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް އަޅުގަނޑު ތިޔަ ހުރިހާ ފުލުހުންނަށް ނަސޭހަތްތެރިވަން،" އޭނާ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، މި ގައުމު ބަރޯސާވަނީ ހިތްވަރުގަދަ، އޯގާތެރި، ހަރުދަނާ، އިހުތިރާމްކުރާ، އަޒުމް ވަރުގަދަ އަދި އަދުލުވެރި ފުލުހުންގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތުގައި އުނދަގޫ ނިންމުންތަކާއި ޕްރެޝަރުގައި މަސައްކަތް ކުރަންޖެހޭ ވަގުތުތަކާ އެކު ވިސްނުމާއި އަޒުމް އިމްތިހާނު ކުރާނެ ހާލަތްތައް އަންނާނެ ކަމަށެވެ. އެ ކަމަކު އެ ވަގުތުތަކުގައި ވެސް ހަނދާން ކުރަން ވާނީ އެކަނިވެރި ނުވާނެ ކަމަށާއި ފުލުހުންގެ ދިގު ތާރީހު ކަމަށް ވިދާޅުވި އެވެ.

41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުން ވަނައަކަށް ހޮވުނު ދަރިވަރަކާ ޕޮލިސް ކޮމިޝަނަރު ނަވީރް ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް
41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުން ވަނައަކަށް ހޮވުނު ދަރިވަރަކާ ޕޮލިސް ކޮމިޝަނަރު ނަވީރް ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް

"އެހެންކަމުން ނަޒާހަތްތެރިކަމާއި ހިތްވަރާ އެކު މަސައްކަތް ކުރުމުގައި ސާބިތުކަން ދެއްކުމަށް އަޅުގަނޑު ގޮވާލަން. ތިޔަ ފުލުހުން މި ހިދުމަތާ ގުޅުނު މަގުސަދު ކަމުގައިވާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސް ކުރަން،" ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަމަށް ސަމާލުކަން ދީފި ނަމަ ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ތަފާތު ކުރުމެއް ނެތި ފުލުހުންނަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ނަވީން ވިދާޅުވީ، ގްރެޖުއޭޓް ވި ފުލުހުން ކުރިމަތިލަނީ ވަރަށް ބުރަ އެކަމަކު ވަރަށް ޒިންމާދާރު އަދި ގުރުބާނީތަކެއް ވާން ކަމަށެވެ. ނަމަވެސް އެ ފުލުހުން ނުކުތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފުވެރި މަސައްކަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ތިޔަ ފުލުހުންނާ މެދު ފަހުރުވެރިވަން،" ސީޕީ ވިދާޅުވި އެވެ.

ރޭ ގްރެޖުއޭޓްވި 185 ފުލުހުންނަށް އިޝާރާތް ކުރައްވަމުން ސީޕީ ވިދާޅުވީ، އެ ފުލުހުންނާ މެދު ރައްޔިތުން އުންމީދުތަކެއް ކުރާނެ ކަމަށާއި މިއަދުން ފެށިގެން އެ ފުލުހުން ފަށަނީ އެ އުންމީދު އިތުބާރަކަށް ބަދަލުކުރުމުގެ ޝަރަފުވެރި ދަތުރު ކމަަށެވެ.

ފުލުހުންގެ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުން މި ފަހަރު ބެސްޓް އޯލްރައުންޑުގެ ޝަރަފު ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު ހޯދިކަން ފާހަގަކުރައްވަމުން ސީޕީ ނަވީން ވިދާޅުވީ އެއީ ފުލުހުންގެ ތަމްތީނުތަކުގައި ފުރަތަމަ ފަހަރަށް ހޯދި ކާމިޔާބީއެއް ކަމަށެވެ.

41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިމްޝާ އަބްދުއްލަތީފަށް ހޯމް މިނިސްޓަރު އިހުސާން ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް
41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިމްޝާ އަބްދުއްލަތީފަށް ހޯމް މިނިސްޓަރު އިހުސާން ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް

ފުލުހުންގެ ތަމްރީނެއްގައި ފުރަތަމަ ފަހަރަށް ހުރިހާ ގޮތަކުން އެންމެ މޮޅު ފުލުހެއްގެ މަގާމު ހޯދީ ހއ. ހޯރަފުއްޓަށް އިމްޝާ އަބްދުއްލަތީފް އެވެ.

ކޯހުގެ އެކި ވަނަތައް ލިބުނު މީހުންގެ ތެރޭގައި ފަސް އަންހެން ފުލުހަކު ހިމެނުނުކަން ވެސް ސީޕީ ރޭ ފާހަގަކުރެއްވި އެވެ.

ފުލުހުންގެ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަސްތުވާތަކެއްޗާއި ގޭންގު އަދި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުން ނުކުންނަން ޖެހިފައި ވަނީ ނުރައްކާތެރި މާހައުލަކަށް ކަމަށް ވާއިރު އެއާ އެއްވަރަކަށް ކޮަރަޕްޝަން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ފައިސާ ބަހައި، ފައިސާ ދިއްކޮށް އަދި މަގާމުގެ ކުރިއެރުން ދޭނެ ކަމަށް ވެސް އެކި ފަރާތްތަކުން ވައުދުވާނެ ކަމަށެވެ.

"... މީހުން އުފާވެރި ދިރިއުޅުންތަކާއި ދަތުރުތަކަށް ޕްރޮމިސް ކުރާނެ. އެހެން ނަމަވެސް ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތި ތިބަ ސާބިތުކަން ދުއްވާލައިގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާގައި އޮންނަނީ "އެބްޒޮލިއުޓް ޒީރޯ ޓޮލަރެންސް" އެވެ.