މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ސާބިތުވާ ކަމަށް ނިންމާފައިވަނީ ދެ ދައުވާއެކެވެ.
އެ ދެ ދައުވާ ސާބިތުވާ ކަމަށް ނިންމުމަށް ފަހު، މައުމޫންގެ މައްޗަށް ކޯޓުން އިއްވީ ޖުމްލަ 12 އަހަރާއި ނުވަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ.
އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން މިދިޔަ ހަފުތާ ތެރޭ ހުށަހަޅާފައިވާއިރު، މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ސާބިތުވި ދެ ދައުވާގެ އިތުރުން މައުމޫންގެ މައްޗަށް ކުރާ އިތުރު ފަސް ދައުވާއެއް އަދި ބާކީ އެބައޮތެވެ. ނަމަވެސް އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވަ އެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާ އެކު، މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް މިދިޔަ އަހަރު ކުރީކޮޅު އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އަދި މިދިޔަ އަހަރު އޭނާ އަމިއްލައަށް ރާއްޖެ އައުމުން އޮތީ ފުރުން މަނާކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި "އެންމެ ބާރުގަދަކޮށް" އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނުނު މައުމޫން ރާއްޖެއިން ބޭރަށް ދިއުމުން، އޭސީސީގެ ތަހުގީގު ޓީމުތައް ވެސް އޭނާގެ ފަހަތުން ގޮސް ތަހުގީގު ނިންމަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެ އެވެ.