މަސްތުވާތަކެއްޗާއި ގޭންގު އަދި ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ފުލުހުން ނުކުންނަން ޖެހިފައި ވަނީ ނުރައްކާތެރި މާހައުލަކަށް ކަމަށް ވާއިރު އެއާ އެއްވަރަކަށް ކޮަރަޕްޝަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްުޔާތު ޝަރަފުވެރި ކޮށްދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ފައިސާ ބަހައި، ފައިސާ ދިއްކޮށް އަދި މަގާމުގެ ކުރިއެރުން ދޭނެ ކަމަށް ވެސް އެކި ފަރާތްތަކުން ވައުދުވާނެ ކަމަށެވެ.

"... މީހުން އުފާވެރި ދިރިއުޅުންތަކާއި ދަތުރުތަކަށް ޕްރޮމިސް ކުރާނެ. އެހެން ނަމަވެސް ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތި ތިބަ ސާބިތުކަން ދުއްވާލައިގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާގައި އޮންނަނީ "އެބްޒޮލިއުޓް ޒީރޯ ޓޮލަރެންސް" އެވެ.

"އެހެންވެ މިފަދަ ބަލިމަޑުކަމެއްގައި އެއްވެސް ފުލުހަކު ނުޖެހުމަކީ އަޅުގަނޑު ދޭ ނަސޭހަތެއް. އަޅުގަނޑުމެން މި ގޮތުގައި މަސައްކަތް ކޮށްފި ނަމަ މާތް ﷲގެ އިރާދަފުޅާ އެކު އަޅުގަނޑުމެން މި އެދޭ ފަދަ އަމާން ދިވެހިރާއްޖެއެއް ގާއިމް ވެގެންދާނެ،" އިހުސާން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކީ ތިބޭފުޅުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުން."

41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުން ވަނައަކަށް ހޮވުނު ދަރިވަރަކާ ހޯމް މިނިސްޓަރު އިހުސާން ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް
41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުުން ވަނައަކަށް ހޮވުނު ދަރިވަރަކާ ހޯމް މިނިސްޓަރު އިހުސާން ރޭ އިނާމު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ޕޮލިސް

މިނިސްޓަރު ވިދާޅުވީ، ދިވެހި ފުލުހުންނާ މިހާރު ސަރުކާރުން ހަވާލު ކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ރާއްޖެ އިން މަސްތުވާތަކެތި އެއްކޮށް ނައްތާލުމާއި ގޭންގު ހަދައިގެން ކުށްކުރާ ގުރޫޕުތައް ގާނޫނުގެ ކުރިމައްޗަށް ގެނައުން އަދި ގަވާދިާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުން ކަމަށެވެ. އަދި ކުށުގެ މާހައުލުގައި އުޅޭ ކުދިން އެ މާހައުލުން ނެރެ އެ މާހައުލު އެއްކޮށް ނަތާލުމަކީ ވެސް އެއީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި، އެންމެ ފަހުން އަސާސީ ތަމްރީނު ފުރިހަމަ ކުރި ރޭގެ ބެޗުގެ އެންމެ ހާއްސަ މަސައްކަތަކީ މިއަދުން ފެށިގެން އެ ކަންކަން ކޮށްދިނުމެވެ.

41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ފުރިހަމަކުރި ފުލުހުން އެ ކޯހުގެ ނިމުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަނީ.---ފޮޓޯ: ޕޮލިސް
41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ފުރިހަމަކުރި ފުލުހުން އެ ކޯހުގެ ނިމުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަނީ.---ފޮޓޯ: ޕޮލިސް

"މި ކަމަށް ލޯ ހުޅުވި، މި ކަމަށް ފޯކަސްކޮށް ފުލުހުން މިހާރު އެ ކުރަމުންދާ މަސައްކަތަށް ތިޔަބޭފުޅުން ތިޔަ ނުކުންނަވަނީ. ކޮންމެ ދުވަހަކީ މި ދެންނެވި ފަދަ ނުރައްކާތެރި ފަރާތްތަކާ ނުރައްކާތެރި މާހައުލުތަކުގައި ފުލުހުން ހިދުމަތް ކުރަންޖެހޭނެ ދުވަހެއް. މި ކަމަށް ތިޔަ ފުލުހުން ތި ތިބީ ތައްޔާރަށް. މި ކަަމަށްޓަކައި މާދަމާ އިން ފެށިގެން ކެނޑިނޭޅި މި މިޝަންތައް ހާސިލް ވަންދެން މަސައްކަތް ކޮށްދެއްވުމަކީ ތިޔަ އެންމެހާ ފުލުހުންގެ ފަރާތުން އަޅުގަނޑު އެދޭ އެދުން،" 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމި ފުލުހުންނާ ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ރޭ ވިދާޅުވި އެވެ.

41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ހޯމް މިނިސްޓަރު އިހުސާން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ޕޮލިސް
41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ހޯމް މިނިސްޓަރު އިހުސާން ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ޕޮލިސް

އޭނާ ވިދާޅުވީ ދިވެހިން އެދެނީ ރާއްޖެއަކީ ސަތޭކަ ޕަސެންޓަށް ސަލާމަތާއި ރައްކާތެރިކަން އޮތް ގައުމަކަށް ވާން ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ މަގެއް، ކޮންމެ ގޯޅިއެއް، ކޮންމެ އަނދިރި ސަރަހައްދެއް އަދި ކޮންމެ ރަށަކީ ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ މާހައުލެއް ކަން ކަށަވަރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ އެކްސްޕެކްޓޭޝަނަށް ފުލުހުން މަސައްކަތް ކުރައްވަން ޖެހޭނެ. އެ އެކްސްޕެކްޓޭޝަނަށް އަޅުގަނޑުމެން މިއަދު ޑެލިވާ ކުރަން ޖެހޭނީ،" އިހުސާން ވިދާޅުވި އެވެ.

41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ފުރިހަމަކުރި ފުލުހުން އެ ކޯހުގެ ނިމުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަނީ.---ފޮޓޯ: ޕޮލިސް
41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯސް ފުރިހަމަކުރި ފުލުހުން އެ ކޯހުގެ ނިމުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަނީ.---ފޮޓޯ: ޕޮލިސް

މިނިސްޓަރު ރޭ ވިދާޅުވީ، ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ތަމްރީނު ނުހަދާ ހާހެއްހާ ފުލުހުން ތިބި ކަމަށެވެ. އެކަމަކު، އެ މީހުންނަށް ތަމްރީނުތައް ދިނުމަށް ހާއްސަ އިސްކަމެއް މި ސަރުކާރުން ދިނުމުގެ ނަތީޖާއަކީ މިހާތަނަށް 966 ފުލުހުން ތަމްރީނު ފުރިހަމަ ކޮށްފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ އާ ބެޗާ އެކު، މިހާތަނަށް ތަމްރީނު ނުހަދައި ތިބި ހުރިހާ ފުލުހުންނަށް ތަމްރީނުދީ، ކޮލިފައިޑް އޮފިސަރުންނަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރުންނާއި އަދި ފުލުހުންގެ ހިދުމަތް ހިންގަވަން ހުންނެވި ކޮމިޝަނާ އޮފް ޕޮލިސް އާއި ކޮމިޝަނާގެ ޓީމުން ވަރަށް ފުރިހަމައަށް ކުރައްވާފައިވާ ވަރަށް ބުރަ މަސައްކަތެއް،" އިހުސާން ވިދާޅުވި އެވެ.

"ދިވެހި ފުލުހުންނަށް ފުލުހުންގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހިދުމަތް ދިނުމަށްޓަކައި ކޮލިފައިޑް ޕޮލިސް އޮފިސަރުންނަށް ހުރިހާ ފުލުހުން ވުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ ގާނޫނު ދަންނަ ބާރުތަކާއި އިހުތިޔާރުތައް މި ލިބިދެވެނީ މި ތަމްރީނު ފުރިހަމަ ކޮށްގެން."

އެންމެ ފަހުން މި ބޭއްވި ފުލުހުންގެ އަސާސީ ތަމްރީނު ކޯސް 185 ފުލުހަކު ފުރިހަމަކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 107 ފިރިހެން އަދި 78 އަންހެން ފުލުހުންނެވެ.