މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 4.5 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އޭގެ ސަބަބުން މަސްވެރި އާއިލާތަކަށް ރަނގަޅު އާމްދަނީއެއް ހޯދައި ދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ހުށަހެޅުއްވި ޕްރެޒެންޓޭޝަންގަ އެވެ.
އެ ޕްރެޒެންޓޭޝަންގައިވާ ގޮތުން މަސް ރައްކާ ކުރެވޭނެ ނިޒާމު 9،500 ޓަނުން 25،000 ޓަނަށް މި ސަރުކާރުން އިތުރު ކުރާނެ އެވެ. އެއީ ހއ. އިހަވަންދޫގައި 1،000 ޓަނު، ޅ. ފެލިވަރުގައި 4،000 ޓަނު، ފ. ނިލަންދޫގައި 1،500 ޓަނު، މ. މުލަކުގައި 500 ޓަނު، ތ. ހިރިލަންދޫގައި 200 ޓަނު، ގއ. ކޫއްޑޫގައި 4،000 ޓަނު، ގދ. ތިނަދޫގައި 1،000 ޓަނު، ގދ. ފިޔޯރީގައި 3،000 ޓަނު އަދި ސ. ހުޅުމީދޫގައި 1،000 ޓަނު އިތުރު ކުރާނެ އެވެ.
"އޭރުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ޕޯލިންލައިން ބާޒާރުގައި އަގު ކަނޑައެޅުމުގެ ބާރު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 40 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ފެލިވަރު މަސްކާރުހާނާގެ ކެޕޭސިޓީއަކީ 50 ޓަނު ކަމަށާއި އެއީ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެންވެ، ރައީސް މުއިއްޒު ނިންމަވާފައި ވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ފެލިވަރު ފެކްޓަރީގެ ކެޕޭސިޓީ 100 ޓަނަށް މަތިކުރާށެވެ. އޭގެ އިތުރުން ފ. ނިލަންދޫގައި 50 ޓަނުގެ މަސް ފެކްޓަރީއަކާއި ފިޔޯރީގައި 100 ޓަނުގެ ފެކްޓަރީއެއް އަދި ހުޅުދޫގައި 50 ޓަނުގެ ފެކްޓަރީއެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދެންނެވި ފެކްޓަރީތައް ގާއިމް ކުރެވުމުން އަޅުގަނޑުމެންނަށް މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ ކުރެވުނީ ގާތްގަނޑަކަށް. މިވަގުތު ހުރި ކެޕޭސިޓީގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އާމްދަނީއަކީ 92 މިލިއަން ޑޮލަރު. އަޅުގަނޑުމެންނަށް މި ދެންނެވި މަގުސަދު ހާސިލް ވެއްޖެ ނަމަ ދިވެހިރާއްޖޭގެ މަސް އެކްސްޕޯޓު ކޮށްގެން ލިބޭ އާމްދަނީ ﷲގެ އިރާދަފުޅުން 190 މިލިއަން ޑޮލަރަށް ބަދަލު ކުރެވިގެންދާނެ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަސް ބަންދުކުރާ ދަޅު ތައްޔާރު ކުރާ ފެކްޓަރީއެއް ފެކްޓަރީއެއް ފެލިވަރުގައި ހުއްޓަސް އެ ތަނުގެ ހާލަތު ވަރަށް ދަށަށް ގޮސްފައިވާތީ އޭގެ އާ ފެކްޓަރީއެއް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށެވެ. އެ ކަަމަށް ބޭނުންވާ ފައިސާ ވެސް ރައީސް ހަމަޖައްސަވާފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަހުގެ އުކާލާ ބާވަތްތަކުން އުފެއްދުންތައް ތައްޔާރު ކުރަން ފެށުމަށްޓަކައި ވެސް 128 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ބޭނުމަކީ "ޕެކޭޖިން މެޓީރިއަލް" އުފެއްދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދެން އޭނާ ފާހަގަކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި 27.7 މިލިއަން ރުފިޔާގެ ވާހަކަ އެވެ. އޭގެ އިތުރުން ސްޕޯޓްސް ފިޝިން ކުރިއަރުވަން 30 މިލިއަން ރުފިޔާގެ ފެސިލިޓީއެއް މިހާރު ދޫކުރަން ފަށާފައިވާއިރު 62 މީހަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މެރިކަލްޗާ ޒޯނުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަރަ އާރުއެސްޑަބްލިއު ހުރިހާ މަސްދޯންޏެއްގައި ގާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މަހުގެ ކޮލިޓީ ހިފެހެއްޓުމަށާއި އަދި މަސްވެރިން އައިހަށް ކުރާ ހޭދަ، ތަންތަނަށް އައިސް ހޯދަން ކުރާ ހޭދަ ކުޑަކޮށް މަސްވެރިންނަށް ލިބޭނެ އާމްދަނީ އިތުރުވާނެތީ އަޅުގަނޑުމެން އެހާ ބޮޑު އިސްކަމެއް ދީގެން އެ މަސައްކަތް މި ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާރުއެސްޑަބްލިއު ގާއިމްކުރަން ބޭނުންވާ މީހުންނަށް 35 ޕަސެންޓު ފައިސާ ދައްކައިދޭނީ ސަރުކާރުންނެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ ވަރަށް ފަހުން އެވަނީ އިތުރުން 200 އުޅަނދުގައި އާރުއެސްޑަބްލިއު ގާއިމް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާ އެކު މަސައްކަތްތަކެއް ފައްޓަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އާ ޖީލުގެ އުޅަނދުތައް" ތައާރަފު ކުރުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި "ޕްރޯޓޯޓައިޕް" ޑިޒައިން ކުރަން މިހާރު ހުޅުވާލާފަައިވާ ކަމަށެވެ.
ރޭގެ ޖަލްސާގައި މި ނޫނަސް ބައެއް ކަންކަން މިނިސްޓަރު ޝިޔާމްގެ ޕްރެޒެންޓޭޝަންގައި ދެއްކި އެވެ.