ޓީޗަރުންނަށް އަނިޔާކޮށް، ކްލާސްތެރޭ ސަކަރާތް ޖަހައި އަހުލާގީ މައްސަލަތައް ދިމާވާ ދަރިވަރުން ސަސްޕެންޑް ކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި އިއްޔެ ހިނގި ތަޅާފޮޅުމުގެ ވީޑިއޯ އާންމުވުމާއެކު މިނިސްޓްރީން ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ. ޓީޗަރުގެ ގައިގައި ދަރިވަރު ވެސް ޖަހާ މަންޒަރު ވީޑީއޯ އިން ފެންނައިރު، ދަރިވަރަށް ފިޔަވަޅު ނާޅައިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ.
މިނިސްޓްރީން މިއަދު ވަނީ އެ ދަރިވަރަށް ފިޔަވަޅު އަޅައިފަ އެވެ. އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެފަދަ އަހުލާގީ މައްސަލަތަކުގައި މީގެ ކުރިން ދަރިވަރުން ސަސްޕެންޑްކުރަމުން އައި ނަމަވެސް އިއްޔެއާ ހަމައަށް އޮތީ ހުއްޓާލާފައި ކަމަށެވެ.
އެކަމަކު ޓީޗަރުންގެ ގަޔަށް އަތްލައި ކްލާސްތެރޭގައި އެފަދަ ގޮތަށް އުޅޭ ނަމަ ދަރިވަރުން ސަސްޕެންޑްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޫލުތަކަށް އަންގާނަން ދަރިވަރުންގެ އަހުލާގަށް އިސްކަން ދީގެން ކުދިން ކްލާސްރޫމުގެ ޓީޗިންއަށް ރެޑީވުމަށް ހާއްސަ ކަންތައްތަކެއް ކުރުމަށް ގޮންޖެހުން ބޮޑެތި ދަރިވަރުން ތިބި ނަމަ،" އޭނާ ވިދާޅުވި އެވެ.
ސްކޫލުތަކުގައި ގޯސްކޮށް އުޅޭ ކުދިންނާއި އަހުލާގީގޮތުން ދަށް ކުދިން އިސްލާހު ކުރުމަށް ސަސްޕެންޑް ކުރުމުގެ ބާރު ކުރިން ޓީޗަރަށް ވެސް ދީފައި އޮވެ އެވެ. ނަމަވެސް ސަސްޕެންޑް ކުރުން ފަހުން މިނިސްޓްރީން ހުއްޓާލީ އެވެ.