ހުޅުމާލޭ ވޯޓާ ތީމްޕާކް ސަރަހައްދުގައި ހުރި ތަކެތި އެހެން ފަރާތްތަކަށް ނެގުމުގެ ހުއްދަ ދިން އެޗްޑީސީގެ މުވައްޒަފު ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ތަނުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.

އެޗްޑީސީގެ ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމުގައި ހުރި މުވައްޒަފުގެ ހުއްދައާ އެކު، ތީމްޕާކް ސަރަހައްދުގައި ހުރި ތަކެތި އެއްވެސް އަގަކާނުލައި ބަޔަކު ގެންގޮސްފައިވެ އެވެ. އެއީ އެ މުވައްޒަފު އެޗްޑީސީގެ ޕޮލިސީތަކާ ހިލާފަށް ކުރި ކަމެއް ކަމަށްވާތީ، އޭނާ ވަޒީފާއިން ވަކިކުރި އެވެ.

އެ މުވައްޒަފަކީ އޭޕްރީލް 14، 2024 ގައި ރިއަލް އެސްޓޭޓް މެނޭޖްމަންޑް ޑިޕާޓްމެންޓްގެ ޑިރެކްޓަރަކަށް ނެގި މުވައްޒަފެކެވެ. ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމަށް ބަދަލުކުރީ މިދިޔަ ފެބުރުއަރީ 27 ގަ އެވެ.

އޭނާ ވަޒީފާއިން ވަކިކުރުމުން އެކަން ކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އެވެ. އަދި އޭނާ އަދާކުރަމުންދިޔަ މަގާމަށް އިތުރު މީހަކު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނެވެ. މައްސަލައިގައި ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަން ދެން އެ މަގާމަށް މީހަކު ހޮވުން ޓްރައިބިއުނަލުން ވަނީ ހުއްޓުވައިފަ އެވެ.

އެޗްޑީސީން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމީ އަމުރު ނެރެފައިވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންވެ، އެ އަމުރު ވަނީ ބާތިލްކޮށްފަ އެވެ.

ހައި ކޯޓުން ބުނީ އެޗްޑީސީގައި އޭނާ ވަކި ވަޒީފާއެއް އަދާކުރުމަކ،ީ އޭނާއަށްޓަކައި އެ ވަޒީފާ ބާއްވަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. މުވައްޒަފަކު އަދާކުރި ވަޒީފާއާ އެއް ފެންވަރުގެ ވަޒީފާތައް އެޗްޑީސީގައި ހުރިކަމަށް ބަޔާންކުރާތ،ީ ވަޒީފާ އަބުރާ އިއާދަކުރާ ކުރަންޖެހޭ ހާލަތުގައި ވެސް އެކަމުގެ ފަރުވާ ދެވޭނެ ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

އަދި ވަގުތީ އަމުރު ނެރުމުގެ ކުރިން އެޗްޑީސީގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ވަގުތީ ގޮތުން ހިފެހެއްޓުމަށް އެންގި މަގާމު އުވިގެން ގޮސްފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ. އެހެންވެ، ވަގުތީ އަމުރު ނެރުމުގެ ކުރިން ވުޖޫދުގައި ނެތް މަގާމަކަށް ދާއިމީ މީހަކު ނުނެގުމަށް އަންގައި އެ މަގާމު މައްސަލަ ހުށަހެޅި ފަރާތަކަށްޓަކައި ވަގުތީ ގޮތުން ރައްކާތެރި ކޮށްދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.