އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތުލެބު ހިންގާނެ ބަޔަކު ހޯދަން ހުޅުވާލުމުން ކުރިމަތިވި ފަރާތްތަކުގެ ތެރެއިން ބަޔަކު ކަނޑައަޅައި ފައިނަލް ޕްރޮޕޯޒަލް ހުށަހަޅަން ދިން މުއްދަތުގައި ޕްރޮޕޯޒަލް ނުލިބުނު ކަމަށާއި އެހެންވެ އެހެން މޮޑެލްއަކަށް ތަން ހިންގަން މަޝްވަރާކުރަމުން އަންނަ ކަމަށް ސީއީއޯ އިބްރާހިމް ޔާސިރު މިއަދު ވިދާޅުވެއްޖެ އެވެ.
ސެޓަޕް ހެދިތާ ދޮޅު އަހަރު ފަހުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ކެތުލެބު ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރީ މިދިޔަ ޖޫން މަހު އެވެ. އެ މުއްދަތު، އެ މަހުގެ 29 އަށް ހަމަވިއިރު، ރާއްޖެ އާއި ބޭރުގެ ހަތް ފަރާތަކުން ކުރިމަތިލި އެވެ.
އެ ހޮސްޕިޓަލުން އޭރު ބުނީ ހިތުގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު ހިންގާނެ ބަޔަކު ކަނޑައެޅުމަށް ފަހު، މިދިޔަ އޮކްޓޯބަރު މަހު ހިދުމަތް ފެށޭވަރުވާނެ ކަމަށެވެ.
ނަމަވެސް، އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެކަން ކޮށްފައެއް ނުވެ އެވެ.
ހޮސްޕިޓަލްގެ ސީއީއޯ ޔާސިރު މިއަދު ވިދާޅުވީ ކެތުލެބު ހިންގާނެ ބަޔަކު ކަނޑައެޅުމަށް ފަހު، ފައިނަލް ޕްރޮޕޯޒަލް ހުށަހަޅަން މުއްދަތެއް ދިން ކަމަށެވެ. ނަމަވެސް، އެ މުއްދަތުގައި އެ ލިޔުންތައް ނުލިބުމުން އެ ފުރުސަތު މިހާރު ކެންސަލް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެން މޮޑެލްއަކަށް ކެތުލެބު ހިންގޭތޯ މަޝްވަރާކުރަން ވަނީ ފެށިފައި. މި ވަގުތު މަޝްވަރާކުރެވެނީ އޭއީއެޗް އިން ހިންގޭނެ މޮޑެލްއެއް ހޯދުމަށް،" ޔާސިރު ވިދާޅުވި އެވެ.
އައްޑޫގައި ކެތުލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮކްޓޯބަރު، 2023 ގަ އެވެ. އެކަމަކު، އެ ތަން އަދިވެސް ބޭނުމެއް ނުކުރެވެ އެވެ.
ޔާސިރު ކުރިން ވިދާޅުވީ ކެތުލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ ކަމަށެވެ. އޭރުން ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް މާލެ ފޮނުވައިލަން ޖެހޭ މީހުން ވަރަށް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.