މާލެ އިން ހުޅުމާލެ އަށް މިރޭ ދިޔަ ދެ ސައިކަލެއް ސިނަމާލެ ބްރިޖުމަތިން ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެފައި ވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރުގައި އެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި ވަގުތު މިނިސްޓަރު އިހުސާން ވެސް ވަޑައިގަތީ މާލެ އިން ހުޅުމާލެ އަށް ރަސްމީ ކާރުގައި ދަތުރު ކުރައްވަމުންނެވެ. އެކަމަކު ހާދިސާ ހިނގި ތަން ފެނިވަޑައިގަތުމުން އިހުސާން ވަނީ އޭނާ އެ ވަގުތު އިންނެވި ކާރު ހުއްޓުވައި، އެކްސިޑެންޓުގައި އަނިޔާވި މީހާ އަވަސް ފަރުވާ އަށް އެ ކާރުގައި ގެންދިއުމަށް ފުރުސަތު ދެއްވައިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 6:35 ހާއިރު ކަަމަށެވެ. ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް އެ އެކްސިޑެންޓުގައި އަނިޔާވެފައިވާ ކަމަށާއި އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ކާރުގަ އެވެ.

އެ އެކްސިޑެންޓުގައި އެކެއްގެ މޫނުމަތިން ފަޅައިގެން ގޮސް އަދި އަނެއް މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި އެ ހާދިސާގައި ދެ ސައިކަލަށް ވެސް ގެއްލުންވި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.