އިންޑިއާގެ ފިލްމު އުފެއްދުންތެރިޔާ ރާޖް ނިދިމޮރޫ އާއި ދެކުނު އިންޑިއާގެ ފިލްމުތަކާއި ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ސަމަންތާ ރޫތު ޕްރަބޫ އިއްޔެ ކައިވެނިކޮށްފި އެވެ.
ރާޖް އާއި ސަމަންތާ ކައިވެނިކުރިކަން މީޑިއާގެ ސަމާލު ކަމަށް އެންމެ ފުރަތަމަ އައީ ރެޑިޓްގައި މީހަކު އިއްޔެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އޭގެ ކުރިން އެ ކައިވެންޏާ ގުޅޭ އެއްވެސް ވާހަކައެއް މީޑިއާތަކަށް އެނގިފައެއް ނުވެ އެވެ.
އެ ޕޯސްޓާ ގުޅިގެން ވަރަށް ގިނަ މީޑިއާތަކުން ސުވާލުކުރަމުން ދަނިކޮށް ސަމަންތާ ވަނީ ކައިވެނީގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި އިއްޔެ ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުން އެނގޭ ގޮތުގައި، އެމީހުން ކައިވެނިކުރީ އިއްޔެ އެވެ.
ކައިވެނީގެ ހަފުލާ ބޭއްވީ ޓެމިލް ނާޑޫގައި ހުންނަ ޔޯގާ ސެންޓަރެއް ކަމަށްވާ އިޝާ ފައުންޑޭޝަންގަ އެވެ. އެ ހަފުލާއަށް ދިޔައީ އެ ދެމީހުންގެ އާއިލާގެ މެމްބަރުން އެކަންޏެވެ.
ރާޖް އާއި ސަމަންތާގެ ގުޅުމާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތުތަކެއް މީޑިއާއަށް ނޭނގު ނަމަވެސް، އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތަކެއް މިދިޔަ އަހަރު ކުރީކޮޅުގައި ފެތުރުނު ކަމަށް ރިޕޯޓްތައް ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ރާޖް އޭނާގެ ކުރީގެ އަންހެނުން ޝިޔަމަލީ ދީ ވަރިކުރިކަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ސަމަންތާ އޭނާގެ ކުރީގެ ފިރިމީހާ އަދި ދެކުނު އިންޑިއާގެ އެކްޓަރު ނަގާ ޗައިތަންޔާ ކައިރިން ވަރިވިކަން 2021 ވަނަ އަހަރު ހާމަކުރި އެވެ.