ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވަން އަންނަ އަހަރު ބާއްވާ އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިދު ރޭ ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ "ވަރަށް އަގުބޮޑު އިންތިހާބުތަކެެއް" ކަމަށެވެ. އަދި ކުރިމަގުގައި އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރަން ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...އަޅުގަނޑުމެން މިއަށް ވެސް [ކައުންސިލް އިންތިހާބަށް] މި ބަލަނީ އެންމެ މަދުވެގެން ވެސް ގާތްގަނޑަކަށް، 70 ވަރަކަށް، 80 ވަރަކަށް މިލިޔަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށް،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންތިހާބުތަކަށް އެހާ ބޮޑު ހަރަދެއް ހިނގަނީ އިތުބާުރު ކުރެވޭ އިންތިހާބުތަަކަށް ހެދުމަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާތީ ކަމަށެވެ.
މިފަހަރުގެ އިންތިހާބުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށް، އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަފާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރިން ތުހުމަތުކުރި އެވެ.
އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ހިނގާނީ ފިޒިކަލްކޮށް ކަމަށެވެ.
"އިންތިހާބުތައް މި ބާއްވާ ދުވަހު ހިނގާ އެއްވެސް ކަމަކީ އަޅުގަނޑުމެން އެއަށް މިލިމީޓަރެއް ވަރު ވެސް ބަދަލު ނުގެނެސް، ހަމަ އެގޮތަށް [ކުރިއެކޭ އެއްގޮތަށް] ކުރިއަށް ގެންދާނެ އިންތިހާބެކޭ،" ޒާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ އިންތިޒާމުތަކަކީ ދިވެހިންނާއި އެހެން ގައުމުތަކުން ވެސް ބަލައިގަންނަ އަދި އިތުބާރުކުރާ އިންތިޒާމުތަކެކެވެ.